ޗާގޯސް ރަށްތައް ހިމެނޭ ސަރަހައްދަށް ތޫފާނެއް އަރަން އުޅޭ ކަމަށް ލަފާ ކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ރާއްޖެ އަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މޫސުމާ ބެހޭ ވެބްސައިޓުތަކުގައިވާ ގޮތުގައި ރާއްޖެ އާއި ދެކުނުން، ރާއްޖެއާ ކައިރިން ކޮޅިގަނޑެއް އުފެދިގެން ދާނެ ކަމަށް ބުނެފައިވެއެވެ.

މެޓުގެ އޮފިޝަލަކު “ހަތާވީސް” އަށް ވިދާޅުވީ އެފަދަ ކޮޅިގަނޑެއް އުފެދެން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އަސަރެއް ރާއްޖެ އަަށް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެ ކޮޅިގަނޑުގެ ސަބަބުން ރާއްޖެ އަށް ވާރޭ ވެހޭނެ ކަމަށް ލަފައެއް ނުކުރެވޭ. އެކަމަކު ވައި ބާރުވުން އެކަށީގެންވޭ،” އޮފިޝަލް ވިދާޅުވިއެވެ.

ވެބްސައިޓުތަކުގައިވާ ގޮތުގައި އަންނަ ހުކުރު ދުވަހު ޗާގޯސް ސަރަހައްދަށް ތޫފާން އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖެ އަށް ހުޅަނގު މޫސުން ފެށިފައިވާ ދުވަސްވަރެވެ. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެ އަށް ހުޅަނގު މޫސުން ވަނީ ފެށިފައެވެ.
ރާއްޖޭގެ މޫސުން ބަލަމުން އަންނަ ގޮތް:
ރާއްޖޭގައި އޮންނަނީ ދެ މޫސުމެކެވެ. އެއީ އިރުވައި އަދި ހުޅަނގު މޫސުމެވެ. އިރުވައި މޫސުން ފެށި އަދި ނިމެނީ، މީލާދީ ގޮތުން ބަލާ ނަމަ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އޮންނަ މޫސުމެކެވެ.

ހުޅަނގު މޫސުމުގެ އަސަރު އާއްމު ގޮތެއްގައި ރާއްޖޭގެ ދެކުނު ރަށްތަކަށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގައި ފެށެއެވެ. އޭގެފަހުން މެދުރާއްޖެތެރެ އަށް ހުޅަނގު މޫސުމުގެ އަސަރު ފޯރައެވެ. އަދި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުމުގެ އަސަރު ފޯރައެވެ.