ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކުރިމަތިވި އެތައް ކާރިސާއަކުން އަރައިގަތުމަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ޓަކައި ސަރުކާރުން ގެންގުޅުނުް ހަރުދަނާ މެކްރޮއިކޮނޮމިކް ސިޔާސަތުތަކުގެ ހެއްކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރުދަނާ ނަތީޖާއާއި، ގުޅުންހުރި އެހެނިހެން ދާއިރާތަކަށް ލިބުނު ހެޔޮ ނަތީޖާތަކުގެ ސަބަބުން، 2023 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ ކުރިއެރުން، 7.6 އިންސައްތައިން 9.4 އިންސައްތައަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

”ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ޗައިނާއިން ބޭރުގައި ދަތުރުފަތުރުކުރުން މަނާކޮށްފައިވީ ނަމަވެސް 2021 ވަނަ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 26.7 އިންސައްތަ އިތުރުވެ 1.68 މިލިއަން ފަތުރުވެރިން އައިސްފައެވެ. މިއީ 2019 ވަނަ އަހަރު އަޅުގަނޑުމެންނަށް ފެނުނު ޕެންޑެމިކްގެ ކުރިން ފެނުނު ލެވެލްގެ 98.4 އިންސައްތައެވެ” މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މި އަހަރުވެސް ފަތުރުވެރިކަމުގެ ދާއިރާ އިން ފެންނަ ނަތީޖާ ވަރުގަދަ ކަމަށާއި އެގޮތުން، މިއަހަރު ފެށުނީއްސުރެ މިއަދާ ހަމައަށް އައި ފަތުރުވެރިންހރ އަދަދު ވަނީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރުވެފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އަދި އާ ފްލައިޓް ރޫޓްތައް ހުޅުވުމާއި ޗައިނާގެ މާކެޓު ރަނގަޅުވާނެ ކަމުގެ ހެޔޮ އިޝާރާތްތަކަށް ރިއާޔަތްކޮށް، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެރައިވަލް ފޯކާސްޓް 1.81 މިލިއަން އެރައިވަލްސް އިން 1.93 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.