ރާއްޖެ އަަށް މިހާރު ކުރަމުން އަންނަ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ބާރުގަދަވެގެން ކުރަމުން އަންނަ ވިއްސާރައެއް ކަމަށާއި މިމަހުގެ މެދެއްހާ ހިސާބަށް ވިއްސާރަ ދިގު ދެމިގެން ހިނގައިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
އެ އިދާރާ އިން މިއަދު “ހަތާވީސް” އަށް މައުލޫމާތު ދެމުން ބުނީ މިމަހުގެ 16އާ ހަމައަށް މޫސުން ގޯސް ވާނެ ކަމަށެވެ. ހާއްސަކޮށް 16ވަނަ ދުވަހާއި 17ވަނަ ދުވަހު ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުންޏެވެ.
ކުރިޔަށް މިއޮތް ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު އެ އިދާރާ އިން ބުނީ މިހާރު ވިއްސާރަ ކުރަމުން ދަނީ ދެކުނާއި މެދުރާއްޖޭގެ ރަށްތަކަށް ކަމަށެވެ.
މިއަހަރުގެ ހުޅަނގު މޫސުން މިމަހުގެ ތިންވަނަ ދުވަހު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފެށިފައިވާ ކަމަށެވެ. އަދި މެދުރާއްޖޭގެ ރަށްތަކަށް ހުޅަނގު މޫސުން ފެށިފައި ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ކަމަށްވެސް މެޓުން ބުންޏެވެ.
ރާއްޖޭގެ މޫސުން ބަލަމުން އަންނަ ގޮތް:
ރާއްޖޭގައި އޮންނަނީ ދެ މޫސުމެކެވެ. އެއީ އިރުވައި އަދި ހުޅަނގު މޫސުމެވެ. އިރުވައި މޫސުން ފެށި އަދި ނިމެނީ، މީލާދީ ގޮތުން ބަލާ ނަމަ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް އޮންނަ މޫސުމެކެވެ.
ހުޅަނގު މޫސުމުގެ އަސަރު އާއްމު ގޮތެއްގައި ރާއްޖޭގެ ދެކުނު ރަށްތަކަށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގައި ފެށެއެވެ. އޭގެފަހުން މެދުރާއްޖެތެރެ އަށް ހުޅަނގު މޫސުމުގެ އަސަރު ފޯރައެވެ. އަދި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް ހުޅަނގު މޫސުމުގެ އަސަރު ފޯރައެވެ.