ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ކުށްވެރި ކޮށްފިއެވެ.
އެމްޑީޕީން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށް އެމްޑީޕީން ބުންޏެވެ.
"ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެކެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައި ވަނީ ގައުމީ މަސްލަހަތު ކަމަށެވެ. ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ މައްޗަށް އެޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
"ދިވެހިރާއްޖޭގެ މަސްލަހަތު ދިފާއުކޮށް ބަންޑާރަނައިބު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު, މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މި ޕާޓީން ދެކެމެވެ،" ބަޔާނުގައިވެއެވެ.
"ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސް އިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުވިޔަ ނުދޭނެއެވެ."
ޗާގޯސް މައްސަލާގައި އެއްގަލަކަށް އަރާފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. މީގެތެރޭގައި ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގަވާ “ފިކުރެއްގެ ދިރުން” ފެކްޝަނާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީގެ މަޖިލިސް މެންބަރުން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އިމުގެ މައްސަލާގައި ޝާމިލުވާ ހުރިހާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބަންޑާރަ ނާއިބުގެ މައްސަލަ އަށް ފަހު ދެން މަސައްކަތް ކުރާނީ ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.