އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި އެގޮތަށް ބުނެފައި ވަނީ އިދިކޮޅު މަޖިލިސް މެމްބަރުންތަކެއް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. މަޖިލީހުގައި އެންމެ 8 މެމްބަރުން ހިމެނޭ ޕީޕީއެމާއި ޕީއެންސީ އިސްވެ އޮވެ، ބޭއްވި ޕްރެސް ކޮންފަރެންސްގައި މަޖިލީގައި އެންމެ ދެ މެމްބަރުން ހިމެނޭ ޖޭޕީން ވެސް ބައިވެރިވިއެވެ. އަދި ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްއެންޕީން ވެސް އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެފައިވެއެވެ.
އަލީ އާޒިމް އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވީ އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް ހަދައިގެން އުޅޭ، ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ތަމްސީލުކުރުމުގެ ގޮތުންނެވެ.
އިދިކޮޅު ފަރާތްކުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން، އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ ރައީސް ސާލިހާ ދެކޮޅަށް އިދިކޮޅުން ރާވައިގެން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި މި ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
[caption id="attachment_51242" align="alignnone" width="1140"] އިދިކޮޅު މަޖިލިސް މެމްބަރުން ގުޅިގެން އުފައްދާފައިވާ "ފޯޅަވަހި ކޯލިޝަން" އިން ބޭއްވި ޕްރެސް ކޮންފަރެންސް-- ފޮޓޯ/ މަޖިލިސް[/caption]
ރިއްފަތުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅީ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން, މަޖިލީސް މެދުވެރިކޮށް، ސަރުކާރާ މެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލަން ކަމަށެވެ.
"ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން, ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެއް ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.