ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަތޮޅު ތެރޭގައި، މާލެ އިން ނޫނީ ނުލިބޭ ސިއްހީ އެތައް ހިދުމަތްތަކެއް ގާއިމް ކުރެވިއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ، ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާއިން ސަރުކާރުން އަމާޒު ހިފާފައިވާ މިސްރާބަށް މަގުދައްކައިދޭ ޝިއާރެއް ކަމަށެވެ. އެ ޝިއާރަކީ، "ސިއްހަތު އެންމެނަށް" މި ޝިއާރެވެ.
"މިއީ ރާއްޖޭގައި އަލުން ފުޅާކުރުމަށް އަޅުގަނޑުމެން މަސައްކަތް މިކުރާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިއާރެއް. ރާއްޖޭގެ ސިއްހީ ހިދުމަތުގެ ތާރީހުގައިވެސް، އެންމެ ކާމިޔާބު ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަކި ފަރުދެއް ވަކި ރަށެއް ތަފާތުނުކޮށް، އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ، އެ މީހަކު ދިރިއުޅޭ ސަރަހައްދަކުން ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުން ކަމަށް ވިދާޅުވިއެވެ. ދިވެހިންނަކީ ވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ރައްޔިތުންތަކެއް ކަމަށާއި ދިވެހިންނަކީ އެއް ރަށުން އަނެއް ރަށަށް އަބަދު ދަތުރުކުރަންޖެހޭ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑްގެ ތެރޭގައި ކުރިމަތިވި ފަދަ ފުރަބަންދެއްގައި ތިބެން ޖެހިއްޖެ ހާލަތެއްގައިވެސް، ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ސިއްހީ ހިދުމަތްތައް ތަރަގީ ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެކަމަށްޓަކައި އަޅުގަނޑުމެން އެކުލަވައިލި ނޭޝަނަލް ސްޕޭޝްލް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ 5 ސަރަހައްދެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ގާއިމުކޮށް މިހާރު އަންނަނީ އައު ހިދުމަތްތައް ދެމުން. އޭގެ ތެރޭގައި ސީ.ޓީ ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯޓެރީގެ ހިދުމަތާއި ދަތުގެ ފަރުވާގެ ހިދުމަތްތައް ވެސް ހިމެނޭ،" ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީ އާއެކު، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ޑިޖިޓަލް އެކްސްރޭ ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އަދިވެސް ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހިން ސިއްހީ ދާއިރާގައި ގިނައިން މަސައްކަތް ކުރުމަށާއި އެ ދާއިރާ އިން ތައުލީމު ހާސިލުކުރާ ދިވެހިންގެ އަދަދު އިތުރު ކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެމަގުން އަޅުގަނޑުމެން އެންމެ ފަހުން އެޅި ފިޔަވަޅަކީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގެނައި ހެޔޮ ބަދަލު. އެ ބަދަލަކުގެ ސަބަބުން، ސިއްހީ ހިދުމަތުގެ ދާއިރާތަކުން ތައުލީމު ހާސިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވާނެ. އަދި ސިއްހީ ދާއިރާއަކީ ކުރިއަށް ދިއުމަށް އެކަށީގެންވާ ފަންނެއްކަމުގެ ޔަގީންކަން ލިބި، ސިއްހީ ހިދުމަތްތެރިން އެ ވަޒީފާތަކުގައި ތިބުމަށް މަގުފަހިވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ މަންފާ، ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި އަދިވެސް ފުރިހަމަކޮށްލަންޖެހޭ ބައެއް ކަންތައް ހުރި ކަމަށާއި އެކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.