ޗާގޯސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ޔޫތު މިނިސްޓަތު އަހްމަދު މަހްލޫފް ފާޑު ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި މިއަދު ވަނީ ޗާގޯސް މައްސަލައިގެ ހަގީގަތް އޮޅުވާނުލުމަށް އިލްތިމާސް ކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ޗާގޯސް މައްސަލައިގަ ރާއްޖެއަށް ލިބުނީ ބޮޑު ކާމިޔާބެއް ކަމަށާއި ރާއްޖެ އަށް ކަނޑުގެ ސަރަހައްދުން ވެސް ލިބުނީ ބޮޑު ބައެއް ކަމަށެވެ.
”މޮރިޝަސްގެ މައްޗަށް ގަދަވީ މިކުޑަކުޑަ ދިވެހި ރާއްޖެ. ހަގީގަތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކަރުގައި އަޅުވަންވީ މާފައްޗެއް،” މަހްލޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތި، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަކީ ޗާގޯސް މައްސަލައިގަ ކުޅެނީ ޑްރާމާއެއްކަން އިތުރަށް ރައްޔިތުންނަށް ޔަގީންވާކަމެއް ކަމަށެވެ.
”ތިޔަ އިތުބާރު ނެތްކަމުގެ މައްސަލައާއި ޖަމަލު ފޮޑިއަކާ އެއްވެސް ތަފާތެއްނެތް” މަހްލޫފް ވިދާޅުވިއެވެ.
https://twitter.com/ahmedmahloof/status/1656656709530820617?s=46&t=M9M5hUKhSMLW6TzFVtCYOQ
ޗާގޯސް މައްސަލާގައި އެއްގަލަކަށް އަރާފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މިއަދު ރައްޔިތުން މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. މީގެތެރޭގައި ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގަވާ “ފިކުރެއްގެ ދިރުން” ފެކްޝަނާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީގެ މަޖިލިސް މެންބަރުން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އިމުގެ މައްސަލާގައި ޝާމިލުވާ ހުރިހާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބަންޑާރަ ނާއިބުގެ މައްސަލަ އަށް ފަހު ދެން މަސައްކަތް ކުރާނީ ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ބައެއް ދޫކޮށްލުމުގައި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތާއި ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެފަރާތްތަކަކީ ރާއްޖެ އާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަންޖެހޭ ފަރާތްތައް ކަމަށާއި ނަމަވެސް އެ ޒިންމާތައް އަދާ ކުރުމުގައި އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ އިމުގެ މައްސަލާގައި ބަންޑާރަ ނާއިބު ރިފްއަތު އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއް އަދި ދިވެހިން ޒަމާނުންސުރެ ގަބޫލުކޮށްގެން ތިބި ގަބޫލުކުރުމެއް ދިފާއު ނުކުރައްވާ، އެހެން ބައެއްގެ މަސްލަހަތަށް މަސައްކަތް ކުރެއްވުމަކީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނު އެންމެ ބޮޑު މައްސަލަ ކަމަށެވެ.