ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

އާބަންކޯ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާކް މައްސަލައިގެ ތަހުގީގު ކުރިއަށްދާ މުއްދަތުގައި, ކުރެވިފައިވާ ތުހުމަތުތަކަށް ރިއާޔަތްކޮށް, އެ ކޯޕަރޭޝަންގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ.

އަދި ފުލުހުންނާއި މި ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުން މި މައްސަލަ ތަހުޤީޤުކޮށް ނިމުމުން, މި މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށްވެސް އާބަންކޯ އިން ބުންޏެވެ.

ނާފިއުއަކީ އާބަންކޯގެ ޑިވަލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި 2014އިން ފެށިގެން މަސައްކަތް ކުރަމުން މުވައްޒަފެކެވެ.

ކުންފުނީގެ މައި ހިއްސާދާރަށް ނޭންގި މަކަރާ ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޖީ ޝިންހޫއެވެ. ހަމަ މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މި މައްސަލާގައި ހަމްބޯ މޯލްޑިވްސްގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހިފަހައްޓައިފައެވެ. އަދި މިހާރު އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.

ކޭޕާކް މައްސަލާގައި މަންޑޭ އަށް ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އޭނާ ބުނީ މިކަމަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ބުނީ ޖިން ޝުހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.