ހުޅުމާލޭގެ އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އާބަންކޯ އިން ނިންމައިފިއެވެ.
މާދަމާ އަކީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރޭ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން އާބަންކޯ އިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން މޯލްޑިވްސް ނެޝެނަލް ހައުސިން އެސޯސިއޭޝަން އާއި އާބަންކޯ އާއި ގުޅިގެން މާދަމާގެ ހަވީރު ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.
އިއްޔެ ފާހަގަކުރި ގައުމީ ކުޑަކުދިންގެ ދުވަހާއި ހުޅުމާލެ އަށް 19 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި ކުޑަކުދިންގެ ހަވީރު ބާއްވަން ހަމަޖެހިފައި ވަނީ ހަވީރު 4ން 6އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކުގައެވެ.
އެ ހަވީރުގައި ލަވަކިޔުންތެރިޔާ ޝަލަބީ އަދި ރޮބޯމޭންގެ ހަރަކާތްތައް ކުދިންނަށް ދައްކާލުމަށް ހަމަޖައްސާފައިވާއިރު، ސްޕޯޓްސް ކާ ޝޯވެސް ކުރިއަށްދާނެއެވެ. މީގެ އިތުރަށް އާބަންކޯގެ އިސްނެގުމަށް ހިޔާ މެޑިކަލް ސެންޓަރާއި ގުޅިގެން ގެންދާ ހެލްތު ޗެކްއަޕް ސްޓޭޝަނެއް ވެސް އެ ހަވީރުގައި ހިމަނާފައިވާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނީ އެ ހަރަކާތުގެ މަގުސަދަކީ ކުޑަކުދިންނަށް އުފާވެރި ވަގުތެއް ހޯދައިދީ، މުޖުތަމައުގެ މެދުގައި އޮންނަ ގުޅުން އެއްބައިވަންތަކޮށް، ބާރުވެރިކޮށް، ބަދަހިކުރުން ކަމަށެވެ. އަދި މުޖުތަމައުގައި ދިރިއުޅޭ މީހުންނަށް، ގެއިން ބޭރުގައިވެސް ދަރިންނަށް އުފާވެރި، ހަރުދަނާ، ސުލްޙަވެރި މާހައުލެއްގާއިމުކުރެވިދާނެކަން ދައްކުވައިދިނުމަކީ ވެސް އެ ހަރަކާތުގެ މަގުސަދެއް ކަމަށް އާބަންކޯ އިން ބުނެއެވެ.