ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހިންނަށް ޗާގޯސް ގެއްލިއްޖެ ކަމަށް ބުނެ، އެކަމުގައި ސަރުކާރުގެ ފަރާތުން ޓްރައިބިއުނަލްގައި އިސްކޮށް މަސައްކަތް ކުރެއްވި ރާއްޖޭގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޗާގޯސް މައްސަލާގައި އެއްގަލަކަށް އަރާފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ރައްޔިތުން މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. މީގެތެރޭގައި ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ހިންގަވާ "ފިކުރެއްގެ ދިރުން" ފެކްޝަނާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީގެ މަޖިލިސް މެންބަރުން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
[caption id="attachment_51211" align="alignnone" width="1280"] އިމުގެ މައްސަލާގައި އެއްގަލަކަށް އަރާފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލިސް މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް[/caption]
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އިމުގެ މައްސަލާގައި ޝާމިލުވާ ހުރިހާ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބަންޑާރަ ނާއިބުގެ މައްސަލަ އަށް ފަހު ދެން މަސައްކަތް ކުރާނީ ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭގެތެރެއިން އަޅުގަނޑުމެން މިއަދު މި ހުށަހެޅީ ބަންޑާރަ ނާއިބު ރިފްއަތުގެ މައްސަލަ. ކުރިޔަށް އޮތް ތަނުގައި އަދި އިތުރު ބޭފުޅުންގެ ކަންތައް [އިތުބާރު ނެތްކަމުގެ މައްސަލަ] ދާނެ. އޭގެތެރޭގައި ފޮރިން މިނިސްޓަރު ޝާހިދާއި ހުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެވެސް އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން،" މަޖިލީހުގެ މައިނޯރިޓީ ލީޑަރު ސަލީމް ވިދާޅުވިއެވެ.
[caption id="attachment_51212" align="alignnone" width="1280"] ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް[/caption]
އެކަމުގައި މަސައްކަތް ކުރުމަށް ސިޔާސީ ޕާޓީތަކުން އެއްގަލަކަށް އެރީ އެއީ ދޫކޮށް ނުލެވޭވަރުގެ މައްސަލައަކަށް ވާތީ ކަމަށް ސަލީމް ވިދާޅުވިއެވެ. އެއީ ކޮންމެ ބޭފުޅަކު އަދި ކޮންމެ ޕާޓީއެއް ވެރިކަމަށް އައި ނަމަވެސް ވިސްނަން ޖެހޭނެ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމެއް ހިންގުމަށް ބޭފުޅަކާއި ރައްޔިތުން ހަވާލު ކުރައްވަނީ ވަރަށް އިހުލާސްތެރިކަމާއެކު އެކަންތައް ކުރުމަށް ކަމަށާއި އެއީ ފަހަރެއްގައިވެސް އެބޭފުޅެއްގެ އަމިއްލަ އެދުމުގެ މައްޗަށް ނުވަތަ އެހެން ބައެއްގެ އެދުމުގެ މައްޗަށް ކަންތައް ކުރުމަށް ހަވާލުކުރާ ޒިންމާތަކެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ބައެއް ދޫކޮށްލުމުގައި ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތާއި ރައީސް ސޯލިހާއި ފޮރިން މިނިސްޓަރު ޝާހިދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެފަރާތްތަކަކީ ރާއްޖެ އާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަންޖެހޭ ފަރާތްތައް ކަމަށާއި ނަމަވެސް އެ ޒިންމާތައް އަދާ ކުރުމުގައި އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ އިމުގެ މައްސަލާގައި ބަންޑާރަ ނާއިބު ރިފްއަތު އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއް އަދި ދިވެހިން ޒަމާނުންސުރެ ގަބޫލުކޮށްގެން ތިބި ގަބޫލުކުރުމެއް ދިފާއު ނުކުރައްވާ، އެހެން ބައެއްގެ މަސްލަހަތަށް މަސައްކަތް ކުރެއްވުމަކީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހުނު އެންމެ ބޮޑު މައްސަލަ ކަމަށެވެ.