ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން އިތުރު ދެ މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ކުންފުނީގެ މައި ހިއްސާދާރަށް ނޭންގި މަކަރާ ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޖީ ޝިންހޫއެވެ. ހަމަ މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މި މައްސަލާގައި ހަމްބޯ މޯލްޑިވްސްގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހިފަހައްޓައިފައެވެ.

ފުލުހުން ބުނީ މި މައްސަލާގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓުވެސް މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އެމީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ. ބުނީ އޭގެތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށެވެ.

ކޭޕާކް މައްސަލާގައި މަންޑޭ އަށް ކުރާ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އޭނާ ބުނީ މިކަމަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ބުނީ ޖިން ޝުހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.