ޤައުމަށް ލިބޭނެ އެންމެ ބޮޑު ނަސީބަކީ ކޮންމެ ކުއްޖަކީ ލޯތްބާއި އުފަލުގައި ހެދިބޮޑުވާ، އަދި ރަނގަޅު ތަޢުލީމު ލިބިގެން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުވާ ކުއްޖަކަށްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ، ކޮންމެ ކުއްޖަކީ ވެސް، ޤައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން މުޅި މުޖްތަމަ ޢާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަކީ ޤައުމުގެ ކުރިމަގަށްޓަކައި މުޑުވައްކުރާ ނިރުތަކަކަށް ވާއިރު، އެ ކުދިން ތަރުބިއްޔަތުކުރުމުގައި، އެ ވަގުތަކު ޤައުމުގައި ހުރި އިޖްތިމާޢީ ހުރިހާ މައްސަލަތަކަށް ރިޢާޔަތްކުރަންޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޤައުމުގެ ކޮންމެ ކުއްޖަކީ ލޯތްބާއި އުފަލުގައި ހެދިބޮޑުވާ، އަދި ރަނގަޅު ތަޢުލީމު ލިބިގެން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުވާ ކުއްޖަކަށްވުމަކީ، ޤައުމަށް ލިބޭނެ އެންމެ ބޮޑު ނަސީބެވެ. އަޅުގަނޑުމެންގެ ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ މަސައްކަތްކުރަންވީ، އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކޮންމެ ކުއްޖަކަށް އެ ފުރުޞަތު ހޯއްދަވައިދެއްވުމަށެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވަނީ ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހައްޤުތަކާއި، އަދި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމާ މެދުވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވީ، ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާ އިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ޙައްޤަކީ، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ބެލެނިވެރިންގެ އޯގާތެރިކަމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި ބަލައިބޮޑުކޮށް ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް، ކުޑަކުއްޖެއްގެ ޢުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް ޢާންމު ރައްޔިތުން ހޭލުންތެރި ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ވަނީ، ދިވެހިރާއްޖޭގެ ކުޑަކުދިންނަށާއި، މައިން ބަފައިންނަށާއި ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް ވެސް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.