ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ކޭޕާކް ރެޒިޑެންސް އިން އޮޅުވާލައިގެން އެތައް ބަޔަކަށް ފްލެޓު ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށް ބުނެ ކުރަމުން އަންނަ ތުހުމަތު، އެ މަޝްރޫއުގެ ރާއްޖޭގެ އެޖެންޓު “ހަމްބޯ މޯލްޑިވްސް” ރާއްޖޭގެ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ދޮގު ކޮށްފިއެވެ.
ކުންފުނީގެ މައި ހިއްސާދާރަށް ނޭންގި މަކަރާ ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޖިން ޝުހޫއެވެ. ހަމަ މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މި މައްސަލައާ ގުޅިގެން މަންޑޭގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ.
މިކަމާއި ގުޅިގެން މަންޑޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިކަމަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ބުނީ ޖިން ޝުހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.
އެ މަޝްރޫއުގެ މައި ކުންފުންޏަކީ “ހަމްބޯ ކޮރެއާ”އެވެ. މަންޑޭ ބުނީ އެކުންފުންޏަށް ލިބިފައިވާ ބައެއް ބާރުތައް ވަގުތީ ގޮތުން “ހަމްބޯ މޯލްޑިވްސް” އަށް ދީފައިވާ ކަމަށެވެ. އޭގެތެރެއިން އެއް ބާރަކީ ފްލެޓުތައް ވިއްކައިގެން ލިބޭ ފައިސާތައް ބަލައިގަތުމެވެ. ނަމަވެސް އެއީ “ހަމްބޯ މޯލްޑިވްސް”ގެ ފައިސާ އެއް ނޫން ކަމަށް ބުންޏެވެ.
މަންޑޭގެ ބަޔާނުގައި ފްލެޓު އެޅުމަށް ހަރަދު ކޮށްފައި ވަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ އިން ކަމަށް ބުނެފައިވެއެވެ. ޖިން ޝީހޫ އަދި އޭނާގެ ކުންފުންޏަކުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ. ވޭތުވެދިޔަ އަހަރުތަކުގައި އާބަންކޯ އަށް ދައްކަން ޖެހޭ ފައިސާ ވެސް ދެއްކީ މަންޑޭ ކަމަށާއި އެކަން ކަމަކީ ޖިން ޝީހޫ ކުރަންޖެހޭ ކަމެއް ކަމަށް ވެސް ބުންޏެވެ.
މަންޑޭ ބުނީ މި މައްސަލައިގެ ތަހުގީގަށް އޭނާގެ ފަރާތުން މުއައްސަސާތަކަށް އެއްބާރުލުން ލިބޭނެ ކަމަށެވެ.