ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ދައުލަތުގެ މީޑިއާގެ އެންމެ މަގުބޫލު ޗެނަލް، ޓީވީއެމްގެ ޕްރެސެންޓަރު ސަފާ ޝަފީގު (ސޮފާ) ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފިއެވެ.

ސޮފާ އެ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސޮފާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއިން، މާސްޓާ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓާ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

ސޮފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފައެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަގާމުގައެވެ.

ވިލާ ކޮލެޖުގެ ލެކްޗަރާކަން ވެސް ކުރައްވާފައިވާ ސޮފާއަކީ ބްރޯޑްކޮމްއިން ހުސްވެފައިވާ މަގާމަށް އައްޔަން ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފެންނަ ކަމަށް ފާސްކުރި ލިސްޓުގައި ދެ ވަނައަށް އޮތް ނަމެވެ. ފުރަތަމަ އަށް އޮތީ ގާނޫނީ ވަކީލު ޝިހާމް މުހައްމަދު ވަހީދުގެ ނަމެވެ. އެންމެ ފުރަތަމަ ވޯޓަށް އެހީ އޭނާގެ ނަމަށެވެ. ނަމަވެސް 31 މެމްބަރުންގެ ވޯޓުން ފާސްކުރީ އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށެވެ. އަދި އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި ހަތަރު ބޭފުޅުންގެ ލިސްޓުގެ އެންމެ ފުލުގައި ވެސް އޭރު އޮތީ ސޮފާގެ ނަމެވެ. ނަމަވެސް ކޮމެޓީގެ އިންޓަވިއުކުރެއްވުމުން އޭނާ ވަނީ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ. ބްރޯޑްކޮމްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން، އިތުރަށް ކުރެވޭނެ ކަންކަން ކޮމެޓީގައި ސޮފާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސޮފާ ކުރަން ވައުދުވި ކަންތައްތައް:

ކޮމިއުނިޓީ ބްރޯޑްކާސްޓިން ފުޅާކުރުން
ބްރޯޑްކާސްޓިން ދާއިރާއިން ސްކޮލަޝިޕް ހޯދައިދިނުން
ބްރޯޑްކާސްޓިން ދާއިރާގެ ތަޖުރިބާކާރުންނާ އެކު، ކަންކަމަށް ހައްލު ހޯދުން
ފަންޑިންގ ހޯދޭނެ މަގު ފަހިކުރުން
ބްރޯޑްކާސްޓަރުން މޮނީޓާކުރެވޭނެ ނިޒާމު ހަރުދަނާކުރުން
ފަސޭހައިން ޝަކުވާ ހުށަހެޅޭނެ ނިޒާމު ގާއިމުކުރުން

ސޮފާ ބްރޯޑްކޮމްއަށް އައްޔަން ކުރަން ފާސްކުރީ އެ މަގާމުގައި ހުންނެވި އަމްޖަދު ވަހީދުގެ، ފަސް އަހަރުގެ ދައުރު މިދިޔަ މާޗު މަހުގެ 15 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ.