ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް އާޓް ފެސްޓިވަލް، 80 ވުރެ ގިނަ އާޓިސްޓުންގެ އުފެއްދުންތަކާ އެކު ރޭ ހުޅުވައިފިއެވެ.

"ފަރުވާ އިންޓާނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް" ސޯޝަލް ސެންޓަރުގައި ރޭ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. މި ފެސްޓިވަލަކީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. މި ފެސްޓިވަލުގައި ކުރެހުންތެރިންނާއި ކެއްކުންތެރިންނާއި އަތްތެރި މަސައްކަތްތެރިންގެ އިތުރުން މިއުޒިޝަނުން ވެސް ބައިވެރިވެއެވެ.

މި ފެސްޓިވަލާ ގުޅޭ ގޮތުން "ހާތާވީސް"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން އާޓްސް ކޮމިއުނިޓީގެ ޗެއާޕާސަން އަހުމަދު އަޒްމީ ހަލީމް (ބާޗީ) ވިދާޅުވީ ފުރަތަމަ ދުވަހު ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން ސްޓޯލްތަކުގައި ބަހައްޓާފައިވާ ބައެއް ތަކެތި ވިކިފައިވާ ކަމަށް ބާޗީ ވިދާޅުވިއެވެ.

[caption id="attachment_51138" align="alignnone" width="2560"] ފަރުމާ އިންޓަނެޝަނަލް ޔޫތު އާޓް ފެސްޓިވަލްގައި ރައީސް ސާލިހު-- ފޮޓޯ/ ރައީސް އޮފީސް[/caption]

"މީގެ ފެސްޓިވަލްތައް ގިނަވާންވީއޭ. އޭގެ ސަބަބުން ދިވެހިރާއްޖޭގެ އާޓިސްޓުންނަށް ލިބޭ ފުރުސަތުތައް ގިނަވެ، ބައިނަލް އަގުވާމީ މީހުންނާ ގުޅިގެން އެ މީހުންނަށް މި ރާއްޖެ ފެނިފައި، ދިވެހި އާޓިސްޓުންނަށް އެހެން ގައުމުތަކަށް ގޮސް ޑިސްޕްލޭ ކުރީމަ އެ މީހުންގެ އާމްދަނީ އިތުރުވެ، ގައުމަށް ލިބޭ ހެވާ ލާބަ އިތުރުވެގެންދަނީ،" ބާޗީ ވިދާޅުވިއެވެ.

ހަތާވީސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ދިވެހި ފަންނާނުންނަށް ބޭނުންވާނެ ރަނގަޅު ސެންޓަރެއްގެ މުހިއްމުކަމުގެ ވާހަކަ އެ ފެސްޓިވަލް ހުޅުވައި ދެއްވަމުން ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އެފަދަ ސެންޓަރެއް ހަދައިދޭނެކަމުގެ ޔަގީންކަން ރައީސް އަރުވާފައިވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އާޓިސްޓް ކޮމިއުނިޓީއާ ވާހަކަ ދައްކައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓްރެއިނިންތަކާއި އިތުރު އެގްޒެބިޝަންތައް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަރުމާ ފެސްޓިވަލްގައި ސީރިއާ، ޔޫއޭއީ، އުޒުބެކިސްޓާން އަދި ވެއިޓްނާމް ފަދަ ގައުމުތަކުގެ އާޓިސްޓުން ބައިވެރިވެފައިވެއެވެ. އެ މީހުންގެ ކުރެހުންތައް ސޯޝަލް ސެންޓަރުގެ އެކި ސްޓޯލްތަކުގައި ހަރުކޮށްފައިވެެއެވެ.

ފެސްޓިވަލް ހުޅުވާފައި ހުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަަށެވެ. ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:30 އިން ފެށިގެން ރޭގަނޑު 11:00އަށް އާންމުންނަށް އެތަނަށް ވަދެވޭނެއެވެ.