ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާއި އިދިކޮޅު ޕީޕީއެމްގެ މިހާރު އެންމެ ބޮޑު ޝަކުވާއަކީ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ނުފެށުމެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަ ކުރެއްވެން އޮތް ހަމައެކަނި މަގަކީ ޖަލު ހުކުމުން ސަލާމަތްވުން ކަމަށްވާތީ ކޮންމެ ދުވަހަކުހެން ޕީޕީއެމްގެ އިސް ބޭފުޅުން ހައި ކޯޓަށް ވަޑައިގެން މައްސަލަ އަވަސް ކުރެވޭނެ މަގެއް އޮތްތޯ އެބަ ބަލައެވެ. ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއް ފެށެނީ އަދި ނިމެނީ ޔާމީންގެ އިސްތިއުނާފް އަވަސްކުރަން ގޮވާ ގޮވުންތަކުންނެވެ.

ނަމަވެސް އަނެއްކޮޅުން ފެންނަނީ އޭގެ އިދިކޮޅެވެ. ރ. ފުއްގިރި މައްސަލާގައި ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތް އަވަހަށް ކުރިއަށް ގެންދާތީ ޔާމީނާއި ޕީޕީއެމްގެ ކަންބޮޑުވުންތައް އިންތިހާއަށް ގިނަވެއްޖެއެވެ. ޝަރީއަތުގައި ޔާމީން ކަންބޮޑުވުން ފާޅު ކުރައްވަމުން ވިދާޅުވީ ފުއްގިރި މައްސަލަ އަވަހަށް ކުރިއަށް ގެންދާތީ ނަފްސާނީ ވާ ހިސާބަށް ކަންކަން ހިނގައްޖެ ކަމަށެވެ.

"ހަމަ ތެދު ތެދަށް ދަންނަވާނަމަ, މިހާރު މި މައްސަލަތަކުގައި ދައުލަތުން އަމަލުކުރާ ގޮތުން ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު ހިތަށް އަރާ އަޅުގަނޑުގެ ނަފްސާނީ މައްސަލައެއް އުޅެނީބާއޭ. އަޅުގަނޑަށް ކޯޕް ނުކުރެވޭ ވަރަށް މިހާރު ކަންކަން މި ދަނީ." ފުއްގިރި މައްސަލަ މާ އަވަހަށް ގެންދާ ކަމަށް ވިދާޅުވެ, ސުޕްރީމް ކޯޓުގައި ދާދިފަހުން ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމުން ވެސް ކިޔަނީ މި ލަވައެވެ. މިހާރު ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހައި ކޯޓުން މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކުރުމަށްފަހު ޖެހިގެން އަންނަ ޖުމްލާގައި ދައްކަނީ ފުއްގިރި މައްސަލަ ދަށު ކޯޓުން އަވަސްވާތީ ކަންބޮޑުވާ ވާހަކައެވެ. ސުޕްރީމް ކޯޓުން މިހާރު އޮތީ ފުއްގިރި މައްސަލަ އެއް ހަފުތާއަށް މަޑުޖައްސާލަން އަންގައިފައެވެ.

ފުއްގިރި މައްސަލައަކީ އިހަކަށް ދުވަހު ހުށަހެޅުނު މައްސަލައެއް ނޫނެވެ. ޔާމީނަށް ޖަލު ހުކުމް އިއްވި ވ. އާރަށުގެ މައްސަލައަށް ވުރެ މާ ކުރިން 2020 ވަނަ އަހަރު ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައި އޮތެވެ. އާރަށުގެ މައްސަލައަކީ 2021 ވަނަ އަހަރު ހުށަހެޅި މައްސަލަ އެވެ.

އާރަށް މައްސަލާގައި ޔާމީން ޖަލަށްލާން މިދިޔަ ޑިސެމްބަރު މަހު ހުކުމް ކުރުމުގެ ކުރިން ވެސް ފުއްގިރި މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އޮތީ ފަށައިފައެވެ. ދެ އަހަރުނުވަނީސް އާރަށް މައްސަލަ ކޯޓުން ނިމުނުއިރު ތިން އަހަރުވީއިރު ވެސް ފުއްގިރި ނިމުމަކާ ގާތަށް ނުދެއެވެ. ވީމާ ފުއްގިރި މައްސަލަ ކުއްލިއަކަށް ހިނގައިގަތީއެއް ނޫނެވެ.

ޝަރީއަތްތައް އަވަސްވުމުގެ ކަންބޮޑުވުންތައް ފާޅު ކުރާއިރު, ޕީޕީއެމްގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ބޭފުޅުން ޝަރީއަތްތައް އަވަސްވީ ރެޔެއް ދުވާލެއް އަދި ހުކުރެއް, އީދެއް އަދި ރޯދަ މަހަކަށް ވެސް ބެލުމެއް ނެތި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ ފަޓާސް ބަރިއެއްހެން ހުކުރު ދުވަހު އަޑުއެހުންތައް ބާއްވައިގެން އެންމެ 19 ދުވަހުން ހިންގި ޝަރީއަތަކަށްފަހުއެވެ.

ކާނަލް މުހައްމަދު ނާޒިމްގެ ޝަރީއަތް ވެސް ހަމަ މިފަދައިންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޝަރީއަތް 2018 ވަނަ އަހަރުގެ ރޯދަ މަހުގެ 27 ވިލޭރޭގެ މެންދަމު ކްރިމިނަލް ކޯޓުން ހިންގީ އެމަނިކުފާނުގެ އުމުރުފުޅަށް އަދި ސިއްހީ ހާލުކޮޅަށް ވެސް ބެލުމެއް ނެތި ގަދަ ކަނޑުގައި ދުއްވާފައި ލޯންޗުގައި ގަދަކަމުން މާލެ ގެނެސްގެންނެވެ. ޝަރީއަތްތައް އޭރު ކުރިއަށް ގެންދިޔަ ސްޕީޑުން ވަކީލުންނަށް ކެތް ނުވެގެން ހުރިހާ ވަކީލުން ސިޔާސީ ބޭފުޅުންގެ މައްސަލަތަކުން ތަނާޒުލްވެ, ކޯޓު ރޫމުން ނިކުމެގެން ދިޔަ އެވެ. ކުރި އާދޭސްތައް ބޮލާލައި, ޖެހުމަށްފަހު އެމަނިކުފާނަށް ޖަލު ހުކުމް އިއްވީ ވަކީލެއްގެ އެހީތެރިކަމެއް ވެސް ނެތިއެވެ.

ޔާމީން ޖަލަށްލި މައްސަލާގެ އިސްތިއުނާފް ލަސްވާކަމުގެ ކަންބޮޑުވުން ޕީޕީއެމުން ފާޅުކުރަން ފެށީ މައްސަލަ އެ ކޯޓަށް ބަލައިގަތްތާ މަހެއް ނުވަނީހެވެ. މައްސަލަ ބަލައިގަތުމަށްފަހު ފަނޑިޔާރުންގެ ބެންޗް އެކުލަވާލުމަށާއި އިދާރީ ކަންކަމަށް ވަގުތުތަކެއް ހިންގައެވެ. އަދި ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލަން ޖެހޭތީ ޝަރީއަތް ތާވަލް ކުރެވެނީ ބެންޗުގައި ތިއްބަވާ ހުރިހާ ފަނޑިޔާރުންގެ ދެން ހުރި މައްސަލަތަކުން އަތް ދޫކޮށްލެވި, ވަގުތު ހުސްވެގެންނެވެ. އަދި ހައި ކޯޓުގައި އެންމެ ދެ ކޯޓު ރޫމު ހުންނާތީ ޝަރީއަތް ތާވަލް ކުރެވެނީ އެތައް އުނދަގުލަކަށްފަހު އެވެ.

ޔާމީންގެ މައްސަލައަށް ވުރެ މާ ކުރިން ހުށަހެޅުނު އެތައް މައްސަލައެއް މިގޮތަށް ނުފެށި ހައި ކޯޓުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި މީހުން މެރުން ފަދަ ނުރައްކާތެރި މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ދޫވި މީހުންގެ މައްސަލަތައް ހިމެނެ އެވެ. އިސްތިއުނާފް އަވަސް ކުރަންޏާ މުޖްތަމައުގެ ސަލާމަތަށްޓަކައި އެންމެ އިސްކަން ދޭންޖެހޭ މައްސަލަތައް ބައިވަރެވެ. އެކަމަކު ޕީޕީއެމްގެ މިހާރު އަމަލުތަކާއި ވާހަކަތަކުން ދޭހަވަނީ މައްސަލަ ހުށަހެޅުނު ތަރުތީބަށް އަދި މިއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި, ޔާމީނަށް ވީތީ އެމަނިކުފާނުގެ މައްސަލަ ހައި ކޯޓުން އަވަސް ކުރަން ޖެހޭނެ ކަމެވެ.

މިއީ ވެސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމާއި އެމަނިކުފާނު ދެއްކެވި ވާހަކަތަކާ އިދިކޮޅު ކަންކަމެވެ. ޔާމީންގެ ވެރިކަމުގައި އެތައް ސިޔާސީ ލީޑަރުންނެއް ޖަލަށްލުމަށްފަހު ޕީޕީއެމްގެ އިސް ބޭފުޅުންނާއި އޭރުގެ ސަރުކާރުން އެންމެ ބާރުލާފައި ދެއްކީ ވަކި ބޭފުޅަކަށް ވާތީ ގާނޫނުގެ ކުރިމަތީގައި ތަފާތު ނުކުރެވޭނެ ވާހަކައެވެ. ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ފުލުހުންނަށް ފޯނެއް ނުދެއްވި ކަމަށް ބުނެ ދޮޅު އަހަރަށް ޖަލަށްލާފައި ވެސް އޭރު ޕީޕީއެމުން ދެއްކީ އާއިލީ ބޭފުޅަކަށް އަދި ސިޔާސީ ބޭފުޅަކަށް ބެލުމެއް ނެތި އެންމެންގެ މައްޗަށް ގާނޫނު ތަންފީޒު ކުރަންޖެހޭ ވާހަކައެވެ. މިކަންކަން އެއް ބަޔަކު މިހާރު ހަނދާން ނެތެއް ކަމަކު, އިއްޔެވީ ކަމެއްހެން ހަނދާން ހުރި މީހުން ވެސް މަދެއް ނޫނެވެ.

ޔާމީންގެ މައްސަލާގައި އިސްތިއުނާފް ލަސްވާތީ ކަންބޮޑުވެފައި އަދި ދަށު ކޯޓުގެ ޝަރީއަތް އަވަސްވާކަމުގެ ކަންބޮޑުވުމުން ފާޅުކުރުމުން އެއްގޮތަކަށް ވެސް ދައްކާ ވާހަކަ ހަމައެއް ނުޖެހެ އެވެ. ވަކި ބޭފުޅަކަށް ވީތީ އިސްތިއުނާފް އަވަސް ވެފައި އަދި ވަކި ބޭފުޅަކަށް ވީތީ ޝަރީއަތް މަޑުޖައްސާލަން ޖެހޭނަމަ އެ އޮތީ ޔާމީންގެ ވެރިކަމުގައި ޕީޕީއެމުން ދެއްކި ވާހަކަތަކާއި މިހާރު މި ދައްކާ ވާހަކަ ދިމަލެއް ނުވެއެވެ.