ކޮންމެ ޒުވާނެއްގެ ކިބައިގައި ވެސް، ކޮންމެވެސް ހުނަރެއް ނުވަތަ ހުނަރުތަކެއް ހުންނާނެ ކަމަށާއި އެހެންކަމުން އެއީ ކޮން ހުނަރެއްތޯ ބަލައި، އެމީހަކު އެންމެ ޝައުޤުވެރިވާ މަސައްކަތަކާއިގެން ކުރިއަށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޒުވާނުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ހުޅުވި "ފަރުމާ އިންޓަނޭޝަނަލް ޔޫތު ފެސްޓިވަލް 2023" ހުޅުއްވައިދެއްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީހެއް އޮތް ގައުމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދު އުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް ފާހަގަކުރެއްވިއެވެ.
ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތް ތަރައްގީ ކުރުން ކަމަށާއި، އެއީ ގައުމީ ތަރައްގީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ގައުމު، ގައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަ މަސައްކަތުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު ލިޔަމުން މިދަނީ ޒަމާނުގެ މުޅިން އައު ސޮފްހާއެއް. ޖީލުތަކަކަށް ފަހު ދިވެހިރާއްޖެއަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެ. ދިވެހި ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން، މިއަދުގެ ޖީލަށް ވާރުތަވިއިރު، އެދަރިންގެ ކިބައިން ފެންނަނީ އަދި މުޅިން ތަފާތު ހުނަރުތަކަކާއި ފަންނުތަކެއް. ނަމަވެސް ކަންކުރުމުގައި ދިވެހި ކާބަފައިން ގެންގުޅުނު ފާޑުވެރިކަން ކެނޑިގެނެއް ނުދޭ،" ރައީސް ވިދާޅުވިއެވެ.
މިރޭ ހުޅުވިގެން ދިޔަ، "ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް" އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ފެސްޓިވަލްގައި ވެސް ތަފާތު ދާއިރާތަކުގެ ފަންނުވެރި އެތައް ދިވެހިންނެއް ބައިވެރިވާކަމީ، މީހުން ބިނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެ ފެސްޓިވަލުގައި ދިވެހި ފަންނުވެރިން ބައިވެރިވާ ކޮންމެ ދާއިރާއަކީ ވެސް، ގައުމީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިރޭ މި ހުޅުވި ފެސްޓިވަލުގައި ބައިނަލްއަގުވާމީ ފަންނުވެރިން ބައިވެރިވާކަމީ، ދިވެހި ފަންނުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށް ވާނެ. އަދި ފަންނުވެރިކަމަށް ޝައުޤުވެރިވާ ދިވެހިންނަށް ވަރަށް ބޭނުންތެރި ފިލާވަޅުތަކެއް ލިބިގެންދާނެކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވިއެވެ.
ފަރުމާ އިންޓަނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023ގައި، 8 ގައުމަކުން 80 ވުރެ ގިނަ ފަންނުވެރިން ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ މެއިމަހުގެ 8 އިން 13 އަށް ސޯޝަލް ސެންޓަރުގައެވެ.