ދިވެހި ދައުލަތަށް ޒަމާންތަކެއް ވަންދެން ހިދުމަތް ކުރެއްވި އާބިދާ އަހްމަދު އަވަހާރަވެއްޖެއެވެ.

އާބިދާ މަސައްކަތް ކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގައެވެ. އެ މިނިސްޓްރީގައި އޭނާ ވަނީ 40 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވާފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު ސިފަކުރެއްވި ގޮތުގައި އާބިދާ އަކީ ވަފާތެރިކަމާއި ލޯތްބާއި ޝައުގުވެރިކަމާއެކު މަސައްކަތް ކުރެއްވި ކަނބެލެކެވެ.

"އާބިގެ ހަނދާން މި މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންނުދާނެ. އާބި ނެތްކަމުގެ އިހުސާސް އަބަދުވެސް ވާނެ،" އާބިދާ އަވަހާރަވުމާއި ގުޅިގެން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

https://twitter.com/abdulla_shahid/status/1655437240666054656?s=20

ސަރުކާރަށް އާބިދާ އެންމެ ފުރަތަމަ ހިދުމަތް ކުރައްވަން ފެއްޓެވީ މުލީއާގޭ މެއިޑެއްގެ ވަޒީފާ އިންނެވެ. އެއީ 1978ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ. އެ ވަޒީފާ އިން 1982ވަނަ އަހަރުގެ ޖޫން މަހުގެ 8ވަނަ ދުވަހު ވަކިވެވަޑައިގަތެވެ. އަލުން ސަރުކާރާ ގުޅިވަޑައިގަތީ 1983ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހުއެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީގެ ޓެލެފޯން އޮޕަރޭޓަރެއްގެ ވަޒީފާ އަށެވެ. ފޮރިން މިނިސްޓްރީ އަށް އާބިދާ ގުޅިވަޑައިގަތީ 1985ވަނަ އަހަރުގެ އޮގަސްޓު މަހުގެ 15ވަނަ ދުވަހުއެވެ.