މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބު ދެއްކި ގޮތުގައި މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 710,645 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 17.5 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 604،730 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 403،304 ފަތުރުވެރިންނެވެ.

https://twitter.com/MoTmv/status/1655077733347782656?s=20

މިމަހުގެ ފުރަތަމަ ފަސް ދުވަހުވެސް ރާއްޖެ އަށް 22،000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުއެވެ. އެއީ 177،915 ފަތުރުވެރިންނެވެ. މިދިޔަ މާޗު މަހަކީ ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އައި މަހެވެ. އެގޮތުން މިދިޔަ މަހު ރާއްޖެ އަށް 173،514 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނަ އަށް އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އަހަރުގެ ފުރަތަމަ މަސް ކަމަށްވާ، ޖެނުއަރީ މަހުއެވެ. އެމަހުގެ ތެރޭގައި 177،499 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރަޝިޔާ އަކީ ރާއްޖޭގެ އެއްވަނަ ފަތުރުވެރިކަމުގެ މާކެޓެވެ. ދެވަނާގައި އޮތީ އިންޑިއާއެވެ. އަދި ތިންވަނާގައި އޮތީ ޔޫކޭއެވެ. އެހެންނަމަވެސް މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަންޒިލަކީ އިންޑިއާއެވެ. ރަޝިޔާ އޮތީ ދެވަނާގައެވެ. އެކަން ހާމަވީ އިމިގްރޭޝަނުން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކުންނެވެ.

https://twitter.com/ImmigrationMV/status/1655153921520975873?s=20

މިދިޔަ އެޕްރީލް މަހު ރާއްޖެއަށް 164،357 ފަތުރުވެރިން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެތެރެއިން 17،577 މީހުންނަކީ އިންޑިއާ ރައްޔިތުންނެވެ. 16،979 ފަތުރުވެރިންނަކީ ރަޝިޔާގެ ރައްޔިތުން ކަމަށާއި 15.504 ފަތުރުވެރިންނާއެކު ތިންވަނާގައި އޮތީ ޔޫކޭއެވެ.