ހީލަތްތެރި މަގުސަދުތަކެއް ހާސިލް ކުރުމަށްޓަކައި މަސައްކަތް ކުރާ ބަޔަކު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) "ހައިޖެކް" ކޮށްފައިވާ ކަމަށް އެޕާޓީން ވަކިވާން ނިންމި މެންބަރުންތައް ވިދާޅުވެއްޖެއެވެ.

އެ މެންބަރުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމްއާރްއެމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގައި މި ހިނގާ ދައުރުގައި، މި ސަރުކާރު ވެރިކަމަށް ގެނައުމަށް މުހިއްމު އަދި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް އެޕާޓީގެ ބައެއް މެންބަރުންގެ ފަރާތުން ފެނިގެން ދަނީ ކޯލިޝަންގައި ދެމި ތިބެމެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިޙާއި އެމަނިކުފާނަށް ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާތަން ކަމަށް ބަޔާނުގައިވެއެވެ.

އެމްއާރްއެމް އިން ވަކިވާން ނިންމާފައިވާ މެންބަރުންގެ ބަޔާނުގައި އެބޭފުޅުންނަކީ އެމްއާރްއެމް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބޭފުޅުންކަން ފާހަގަކުރެއްވިއެވެ. އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނު އަރިހުގައި ކުރިޔަށް އޮތް 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއާރްއެމް އިން މަސައްކަތް ކުރާނެ ގޮތެއް އަވަހަށް ނިންމަވައި ދެއްވުމަށް އެދިފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

[caption id="attachment_50997" align="alignnone" width="1024"] އެމްއާރްއެމުން ވަކިވާން ނިންމާފައިވާ ބޭފުޅުން-- ފޮޓޯ/ ހަތާވިސް[/caption]

ވަކިވާން ނިންމި ބޭފުޅުން:

ޝަޒައިލް ޝިޔާމް: މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ
މުހައްމަދު ނަދީމް: އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު
ތަޒްމީލް އަބްދުއްސަމަދު: އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ
މުހައްމަދު ރާއިދު: އެމްއައިޓީސީގެ މެނޭޖިންގ ޑިރެކްޓަރު
އިބްރާހިމް އަފްރާތު: އާބަންކޯ ބޯޑުގެ ޑިރެކްޓަރު
އަހުމަދު ސަފްވާނު: އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު
އިބްރާހިމް ފަރުހާދު: ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޑިރެކްޓަރު
މުހައްމަދު ފައިސަލް: ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު
އިސްމާއިލް ނާއިލް ނަޝީދު: ހެރިޓޭޖު މިނިސްޓްރީގެ ޑިރެކްޓަރު
އަބްދުލް ހަމީދު އަހުމަދު: ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު
އަލީ ފަސީލް: ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޑިރެކްޓަރު

މި ބޭފުޅުންގެ ތެރެއިން ތަޒްމީލާއި ރާއީދު އާއި އަބްދުލް ހަމީދު އަހުމަދާއި ޝަޒާއިލާއި ނާއިލު ވަނީ ބަޔާނުގައި ސޮއި ކުރައްވާފައެވެ. މުހައްމަދު ނަދީމާއި އަހްމަދު ސޮފްވާނާއި އިބްރާހީމް އަފްރާތާއި އަލީ ފަސީލް ވަނީ ޕާޓީން ވަކިވާން ވަކިން ސިޓީ ފޮނުއްވާފައެވެ.

“ހަތާވީސް”އަށް އެނގިފައިވާ ގޮތުގައި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޑރ. ޗަބީ) ވެސް ވަނީ އެ ޕާޓީ ދޫކޮށްލަން ނިންމާފައެވެ. އެ ދެ ބޭފުޅުން ވަނީ އެކަން ގާތް ބޭފުޅުންނާ ހިއްސާ ކުރައްވާފައެވެ.

[caption id="attachment_51008" align="alignnone" width="1024"] ހެރިޓޭޖު މިނިސްޓަރު ޔުމްނާ (ކ) އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް: ދެ ބޭފުޅުން ވެސް ވަނީ އެމްއާރްއެމުން ވަކިވާން ނިންމާފައި[/caption]

މިފަހަކަށް އައިސް އެމްއާރްއެމްގެ އެސްކޯ އާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ފާޅުގައި ރައީސް ސޯލިހުގެ ސަރުކާރާއި ދެކޮޅަށް ތެދުވެ ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ސަރުކާރުން ކުރާ ކޮންމެ ކަމަކަށްވެސް ފާޑު ކިޔާ ސަރުކާރުގެ އިސް ފަރާތްތަކަށް މަލާމާތްކޮށް ފާޑުކިޔާ އާޑަ ފުރައްސާރަ ކުރުމަކީ އެމްއާރްއެމްގެ އެސްކޯ ބައެއް މެންބަރުންގެ ފަރާތުން މިފަހަކަށް އައިސް ފެންނަމުން އަންނަ އާއްމު ކަމެއް ކަމަށް ވެސް އެޕާޓީން ވަކިވާން ނިންމާފައިވާ މެންބަރުންގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ރައީސް ސޯލިހު ސަރުކާރުގެ ކެބިނެޓުގައި އެމްއާރްއެމްގެ ސްލޮޓުގައި ތިއްބެވި ދެ ވަޒީރުންނަށް އެޕާޓީގެ އެސްކޯގައި ހުތުރުބަހުން "ވަގަށް" ގޮވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އެފަދަ އެއްވެސް ކަމަކީ އެއްވެސް ހައިސިއްޔަތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެއެވެ.

އެބޭފުޅުންގެ ބަޔާނުގައި ޗާގޯސް މައްސަލައަކީ ހުއްޖަތެއް ކަމުގައި ދައްކާ މިދިޔަ މަހުގެ 30ވަނަ ދުވަހު ރޭ އެމްއާރްއެމްގެ ކުއްލި އެސްކޯ ބައްދަލުވުމެއް ބާއްވާ، ކަނޑައެޅިގެން ރައީސް ސޯލިހުގެ ސަރުކާރުގެ ނިންމުންތަކާމެދު ދެކޮޅުވެރިވުމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އަދި މިމަހުގެ ތިންވަނަ ދުވަހުގެ ހަވީރު ކުރީގެ ބައެއް އެޓާނީ ޖެނެރަލުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިންގަވަމުން އަންނަ ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއެންޕީން ޗާގޯސް މައްސަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްއެމްގެ ނާއިބު ރައީސާ އާމިނަތު ނާދިރާ ބައިވެރިވެވަޑައިގަތުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބަޔާނުގައި ވިދާޅުވެފައި ވަނީ ނާދިރާ ބައިވެރިވެވަޑައިގަތީ އެމްއާރްއެމްގެ އެސްކޯ އަށް އެއްވެސް ގޮތަކަށް އެނގިގެން ނޫން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ތިބެމެ އެއީ ކުރެވިގެން ވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެމްއާރްއެމްގެ ތެރޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ ކުރިމަގުގައި ރަނގަޅު ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެހެންކަމުން އެޕާޓީން ވަކިވާން ނިންމާފައިވާ ކަމަށް އެ ބޭފުޅުންގެ ބަޔާނުގައިވެއެވެ.

އެމްއާރްއެމް އުފެއްދީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 20ގައެވެ. އެ ޕާޓީގެ ރައީސަކީ ފާރިސް މައުމޫންނެވެ. އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ފެބްރުއަރީ މަހު އާންމުކުރި ހިސާބުތަކުން ދައްކަނީ އެމްއާރްއެމްގެ މެމްބަރުންގެ އަދަދަކީ 2981އެވެ. ސަރުކާރުގައި އެމްއާރްއެމްގެ ހިއްސާއަކީ 20 ޕަސެންޓެވެ.