ފީލްޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ގާބިލިއްޔަތުކަން އިތުރުކުރުމުގެ ޕްރޮގްރާމަށް ރާއްޖޭގެ 50 ސިވިލް ސާވަންޓުން އިންޑިއާ އަށް ފުރައިފިއެވެ.
މި ޕްރޮގްރާމަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެން.ސީ.ޖީ.ޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ފަސް އަހަރުތެރޭ 1000 ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ އެއްބަސްވުމުގެ ދަށުން މިހާރުވެސް 639 ދިވެހި ސިވިލް ސާވަންޓުން ތަމްރީނުކޮށްފައިވެއެވެ. އެންމެ ފަހުން އިންޑިއާ އަށް ފުރި ބެޗާއެކު އެ އަދަދު 689 އަށް އިތުރުވާނެއެވެ.
މި ބެޗްގައި ހިމެނެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލް ފަދަ މުއައްސަސާތަކުގެ ސިވިލް ސާވަންޓުންނެވެ.
އެއްބަސްވުމާއި އޭގެ ދަށުން ހިންގާ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމްތައް ތަންފީޒުކުރަމުން ދަނީ ސީ.އެސް.ސީ އިން ފާހަގަކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށެވެ. އެގޮތުން އެކި ފަހަރު މަތިން ސީ.އެސް.ސީ އާއި އެން.ސީ.ޖީ.ޖީ ގުޅިގެން ހިންގާ ޕްރޮގްރާމްތައް ވަނީ މުރާޖާ ކުރެވިފައެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެން.ސީ.ޖީ.ޖީގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ އެ ދަތުރުގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިން ޕެރެޑައިމް އޮފް ގަވާނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވާނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑާ އެންޑް ޑިވެލޮޕްމަންޓް، ޕޮލިސީސް އެންޑް ޕްރެކްޓިސްސް، ސެންޓްރަލައިޒްޑް ޕަބްލިކް ގަވަރނަންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް، ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް، ފަދަ ކަންކަން ހިމެނެއެވެ. މި ތަމްރީނުތަކުގެ ތެރެއިން ދުނިޔޭގެ އެއް އަޖައިބު ކަމަށްވާ ރީތި ތާޖް މަހަލް އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.
ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން، ކޮވިޑް19ގެ ގޮންޖެހުންތަކާ އެކުވެސް، އެކި ދާއިރާތަކުން ކެޕޭސިޓީ ބިލްޑިން ޓްރެއިނިންގައި ބައިވެރިވުމަށް 2000 އަށްވުރެ ގިނަ ދިވެހިން ވަނީ އިންޑިއާއަށް ދަތުރުކޮށްފައެވެ. އޭގެތެރޭގައި ސިވިލް ސާވިސަސް އެންޑް ގުޑް ގަވާނަންސް، ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތް، އެގްރިކަލްޗަރ، ޑިސެންޓް ރެލައިޒޭޝަން، އެންވަޔަރަންމަންޓް، ޔޫތު އެންޑް ސްޕޯޓްސް ފަދަ ދާއިރާތައް ހިމެނެއެވެ