އިއްޔެއަކީ އިނގިރޭސިވިލާތުގެ ތާރިހުގައި ވަރަށް ހާއްސަ ދުވަހެކެވެ. ހަތްދިހަ އަހަރަށް ފަހު އިނގިރޭސިވިލާތުގައި ބޭއްވި ތަހުތަށް ވެޑުމުގެ ފުރަތަމަ ހަފްލާގައެވެ. ގައުމުތަކުގެ ވެރިން ހިމެނޭ ގޮތަށް 2000 އެއްހާ މީހުން ބައިވެރިވި ތަހުތަށް ވެޑުމުގެ ހަފްލާގައި ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްމީކޮށް ތާޖު އަޅުއްވާފައެވެ. އަދި އަނބިކަނބަލުން ކެމީލާ ވެސް ވަނީ ރަސްމީކޮށް ރާނީގެ ގޮތުގައި ކަނޑައަޅައިފައެވެ. އުމުރުން 74 އަހަރުގެ ޗާލްސް އަކީ އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ 14 ގައުމެއްގެ އެންމެ މަތީ ވެރިޔާއެވެ.

އިއްޔެ ހަފްލާގައި ނޫސްވެރިންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ޝާހީ އާއިލާއިން ވަކިވެ އަމިއްލައަށް ދިރިއުޅުއްވަމުން ގެންދަވާ ޗާލްސްގެ ދަރިކަލުން ޕްރިންސް ހެރީގެ ހަރާކްތަތަކަށެވެ. ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް، ޝާހީ އާއިލާ ދޫކޮށްލެއްވީ 2020 ވަނަ އަހަރުއެވެ. އެ އަށް ފަހު ދެކަނބަލުން ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާއެވެ. ޝާހީ އާއިލާއިން އިހާނެތިގޮތަށް ކަންތައް ކުރެއްވި ގޮތުގެ ވާހަކަ ޕްރިންސް ހެރީ ވަނީ ދައްކަވާފައެވެ.

https://twitter.com/krassenstein/status/1654861323375718400

ނޫސްތަކުން އާއްމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުންނަމަ ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތު އޮތް ވެސްޓްމިންސްޓާ އެބީ އަށް ޕްރިންސް ހެރީ ވަޑައިގެންނެވި އެކަނިއެވެ. އަރިހުގައި އިތުރު އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިނުގަންނަވައެވެ.

ހަފްލާގައި ޕްރިންސް ހެރީ އިށީންދެވަޑައިގެން ހުންނެވީ ބޭބެފުޅު ޕްރިންސް ވިލިއަމްއާ ހިލާފަށް ހަތަރު ވަނަ ސަފުގައެވެ. ޕްރިންސް ވިލިއަން ހުންނެވީ އެންމެ ކުރީ ސަފުގައެވެ. ހެރީއާ އެންމެ ގާތުގައި ހުންނެވީ ޕްރިންސް އެންޑްރޫ އަރިހުގައެވެ. ރިޕޯޓްތައް ބުނާ ގޮތުން ތަހުތައް ވެޑުވުމުގެ ރަސްމިއްޔާތު ނިންމުމާ އެކު ހެރި ވަނީ އެތަނުން ނުކުމެވަޑައިގެންފައެވެ. އެއަށް ފަހުް ބްރިޓިޝް އެއާވޭސްގެ ފްލައިޓަކުން ލޮސްއެންޖަލްސް އަށް ފުރާވަޑައިގެންފައެވެ.

https://twitter.com/LunaSpencer16/status/1654843287599980544

އޭގެ 90 މިނިޓް ފަހުން އާންމުންނަށް މަރުހަބާ ކިޔުމަށް ޝާހީ އާއިލާގެ މެމްބަރުން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގެ ބެލްކަނީއަށް ނުކުމެވަޑައިގެންފައެވެ. ނަމަވެސް ހެރީއަށް ދައުވަތު ދީފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރިންސް ހެރީ އެހާ އަވަހަށް ފުރާވަޑައިގެންނެވީ ދަރިކަލުން އާޗީގެ އުފަންދުވަހަށް ފާހަގަކުރުމަށް ރާވާފައި އޮތުމުންނެވެ.

މިދިޔަ އަހަރު ރާނީ އެލިޒަބަތުގެ ޖަނާޒާގައި ވެސް ޕްރިންސް ހެރީ ހުންނެވީ ދެ ވަނަ ސަފުގައެވެ.