އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ފިލި މީހާގެ ފޮޓޯ އާއި ވަނަވަރު އާއްމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އޭނާ އަކީ އއ. ހިމަންދޫ އަށް ނިސްބަތްވާ މީހެއް ކަމަށެވެ. އޭނާ އަކީ އެރަށު ދަބުގެ، އުމުރުން 25 އަހަރުގެ ޙުސައިން ޝަޙްބާން ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ އޭނާއަކީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި މީހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެއެވެ. ޝަރީއަތް ނިމެންދެން ކޯޓުން ބަންދުގެ މުއްދަތު ޖަހަނީ ޖިނާއީ ބޮޑެތި މައްސަލަތަކުގައެވެ. އެއީ ޖިންސީ ބޮޑެތި ކުށްތަކުގެ ޓެރަރިޒަމާއި މީހުން މެރުންފަދަ މައްސަލަތަކުގައެވެ.
އެ މީހާ ފިލީ ބަންދުކޮށްފައި ހުރި ގޮޅިން ނެރެފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފަތުރަމުންދާ ބައެއް ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ޕޮލިސް ސްޓޭޝަންގެ ތަނެއް ފަޅާލި ކަމަށް ބުނެ ފަތުރަމުންދަނީ ދެތު މައުލޫމާތެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
“ފިލި މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވޭ،” ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެއެވެ.
“އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައްހަ ނޫން ދޮގު މައުލޫމާތު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ނުފެތުރުމަށް މި ހިދުމަތުން އިލްތިމާސްކުރަން.” ފުލުހުން ބުންޏެވެ.