ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންތަކަކަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތް ތަޖުރިބާ ކުރުމުގެ ފުރުސަތު އެ ކުންފުނިން ދީފިއެވެ.
މިއަދު އެމްއޭސީއެލް އިން ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ކެއާ ސޮސައިޓީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކެއާ ސޮސައިޓީގެ ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ފެށުމަށް އޮތް ސޮއި ކުރެވުނު އެއްބަސްވުމެކެވެ.
އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާޙިމް ތޯހާ އަދި ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އަހްމަދު އާތިފް އެވެ.
މިއަދު އިފްތިތާހް ކުރެވުނު އިންޓަންޝިޕް ޕްރޮގްރާމުގެ ދަށުން ކެއާ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެ ފުރުސަތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކުދިންނަކީވެސް މަސައްކަތުގެ މާހައުލުގައި ތަފާތު ދެއްކޭނެ ކުދިންތަކަކަށް ވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އިންޓާންޝިޕްގެ އިތުރުން މިއަދު ވެވުނު އެއްބަސްވުމުގައި ކެއާ ސޮސައިޓީގައި ވޮކޭޝަންލް ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ދަރިވަރަކަށާއި އަދި އެޑިއުކޭޝަން އެންހޭސްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް އެކުދިންގެ އެއް އަހަރުގެ ފީ ސްޕޮންސާކޮށް ދިނުމަށް އެމްއޭސީއެލް އިން ވަނީ އެއްބަސްވެފައެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކެއާ ސޮސައިޓީގެ ފަންޑް ފޮށިތައް ބެހެއްޓުމަށް ވެސް މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގައިވެއެވެ.
މިއަދުގެ މިރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ މިއަދު މިވެވުނު އެއްބަސްވުމަކީ، އެމްއޭސީއެލް ގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖުތަމައުގައި ތިބި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ރާއްޖޭގެ އެކި ފަރާތްތައް ގުޅިގެން ހާއްސަކޮށް ބޮޑެތި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި އެމްއޭސީއެލްއާއި އެކު މިއަދު ފެށުނު މަސައްކަތަކީ އެކަމުގެ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތައް އެކަމުގައި އެއްބާރުލުންދޭނެ ކަމަށް ގަބޫލުފުޅުކުރައްވާ އޭނާ ވިދާޅުވިއެވެ. އަދި އެމްއޭސީއެލް އިން ދިން ފުރުސަތަށް އެކުންފުންޏަށް ޝުކުރު އަދާ ކުރެއްވިއެވެ.
އެމްއޭސީއެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފައިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.