ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ، އެމްއާރްއެމް ސްލޮޓްތަކުގައި މި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުނާ އެކު، އެ ޕާޓީގެ ދެ ވަޒީރުން ވެސް އެމްއާރްއެމް ދޫކޮށްލަން ތައްޔާރުވެއްޖެއެވެ.

އެމްއާރްއެމުން ވަކިވާން ނިންމި ބޭފުޅުންތަކެއްގެ ނަންތައް މިއަދު މީޑިއާއަށް ވަނީ ތިލަވެފައެވެ. "ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޑރ. ޗަބީ) ވެސް ވަނީ އެ ޕާޓީ ދޫކޮށްލަން ނިންމާފައެވެ. އެ ދެ ބޭފުޅުން ވަނީ އެކަން ގާތް ބޭފުޅުންނާ ހިއްސާ ކުރައްވާފައެވެ.

[caption id="attachment_51008" align="alignnone" width="1024"] ހެރިޓޭޖު މިނިސްޓަރު ޔުމްނާ (ކ) އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް: ދެ ބޭފުޅުން ވެސް ވަނީ އެމްއާރްއެމުން ވަކިވާން ނިންމާފައި[/caption]

އެމްއާރްއެމުން ވަކިވާން ދެން ނިންމި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް ޝަޒައިލް ޝިޔާމާއި އެމްއާރްއެމް އުފެއްދުމުގައި އިސް ދައުރުދެއް އަދާކުރެއްވި މުހައްމަދު ނަދީމް ވެސް ހިމެނިވަޑައިގަންނަވައެވެ. ނަދީމަކީ ޔުމްނާގެ ފިރިކަލުންނެވެ.

ވަކިވާން ނިންމި ބޭފުޅުން:

ޝަޒައިލް ޝިޔާމް: މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ
މުހައްމަދު ނަދީމް: އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު
ތަޒްމީލް އަބްދުއްސަމަދު: އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ
މުހައްމަދު ރާއިދު: އެމްއައިޓީސީގެ މެނޭޖިންގ ޑިރެކްޓަރު
އިބްރާހިމް އަފްރާތު: އާބަންކޯ ބޯޑުގެ ޑިރެކްޓަރު
އަހުމަދު ސަފްވާނު: އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު
އިބްރާހިމް ފަރުހާދު: ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޑިރެކްޓަރު
މުހައްމަދު ފައިސަލް: ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު
އިސްމާއިލް ނާއިލް ނަޝީދު: ހެރިޓޭޖު މިނިސްޓްރީގެ ޑިރެކްޓަރު
އަބްދުލް ހަމީދު އަހުމަދު: ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު
އަލީ ފަސީލް: ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޑިރެކްޓަރު

އެމްއާރްއެމް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބައެއް ބޭފުޅުން، އެ ޕާޓީ ދޫކޮށްލަން ނިންމި ސަބަބު ބަޔާންކޮށް ނޫސްބަޔާނެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެ ބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ ސަރުކާރު ކޯލިޝަންގައި އެމްއާރްއެމް އޮވެ، ސަރުކާރާ ދެކޮޅުވަމުދާތީ އާއި ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު އެމްއާރްއެމް އިން ގޮތެއް ނުނިންމައި ދިގު ދަންމަމުންދާތީ އާއި ޕާޓީގެ އެކްސްކޯއަށް ނޭނގި ސިޔާސީ އެކި ހަރަކާތްތަކުގައި އެމްއާރްއެމުން ބައިވެރިވަމުންދާތީއެވެ. ސަރުކާރަށް ތާއިދުކޮށް، އާރްއާރްއެމުން ވަކިވާން ނިންމި ބޭފުޅުން ނެރުމަށް ތައްޔާރުވަމުންދާ ބަޔާނުގެ ޑްރާފްޓެއް "ހަތާވީސް"އަށް ވަނީ ލިބިފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ހީލަތްތެރި މަގުސަދުތަކެއް ހާސިލު ކުރުމަށް މަސައްކަތް ކުރާ ބަޔަކު ޕާޓީ ހައިޖެކްކޮށްފައިވާ ކަމަށެވެ. އަދި އެމްއާރްއެމްގެ ފަރާތުން މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ދެ ވަޒީރުން ކަމަށްވާ ޔުމްނާ މައުމޫނާއި ޑރ. އިބްރާހިމް ހަސަން (ޗަބީ)އަށް އެމްއާރްއެމްގެ އެކްސްކޯގައި ވަގަށް ގޮވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއާރްއެމް އުފެއްދީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 20ގައެވެ. އެ ޕާޓީގެ ރައީސަކީ ފާރިސް މައުމޫންނެވެ. އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ފެބްރުއަރީ މަހު އާންމުކުރި ހިސާބުތަކުން ދައްކަނީ އެމްއާރްއެމްގެ މެމްބަރުންގެ އަދަދަކީ 2981އެވެ. ސަރުކާރުގައި އެމްއާރްއެމްގެ ހިއްސާއަކީ 20 ޕަސެންޓެވެ.