ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އެއީ ދިވެހިންގެ ތަނެއް ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މުނައްވަރު އެހެން ވިދާޅުވީ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ސަރަހައްދާމެދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އިން ނިންމި މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މުނައްވަރު ވިދާޅުވީ ޗާގޯސްގެ މިލްކުވެރިކަމުގެ ވާހަކަ ދެއްކުމަކީ ނޫސްވެރިންގެ އެ ބައްދަލުވުމުގައި ގަސްތުކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. މުނައްވަރު އެގޮތަށް ވިދާޅުވީ އެމަނިކުފާނުގެ ބަންޑާރަ ނައިބުކަމުގައި ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަނޑަނޭޅުއްވީ ކީއްވެގެންތޯ ސުވާލު ކުރުމުންނެވެ.
"ޗާގޮސްގެ މިލްކުވެރިކަމާ ގުޅޭ ވާހަކައެއް އަޅުގަނޑުމެން ނުދައްކަމު. އަޅުގަނޑުންގެ ގަސްތަކު ވެސް، ނެތް މިތާކު އެ ވާހަކަ ދައްކާކަށް. އަޅުގަނޑަށް ހީވަނީ ދިވެހި ދައުލަތަށް ޗާގޯސް ކްލައިމް ކުރަންޏާ، ކުރުމަކީ ދިވެހި ދައުލަތުގެ ކަމެއް. ދިވެހި ސަރުކާރުން އެކަން ހިންގާނެ. ނުކުރަންޏާމު ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން އިސްނަގައިގެން އެކަން ކުރާނެ... އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން،" މުނައްވަރު ވިދާޅުވިއެވެ.
[caption id="attachment_50963" align="alignnone" width="800"] މުނައްވަރު އިސްވެ ހުންނަވައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް-- ހަތާވީސް ފޮޓޯ/ އާދަމް ނަޒީރު[/caption]
މުނައްވަރު ވިދާޅުވީ ދިވެހިންގެ ތަނަކީ ދިވެހިރާއްޖެ ކަމަށާއި ބަންޑާރަ ނައިބުކަމުގައި ކުރެއްވި ކަމަކީ ރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލަކީ ރާއްޖެ ކަމަށް ކަނޑައެޅުން ކަމަށެވެ. އޭރުގެ ވާޖިބަކީ އެއީ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި 1993 އިން ފެށިގެން 2003އަށް، 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވީ މުނައްވަރެވެ.
މުނައްވަރު އިސްވެ ހުންނަވައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސިޔާސީ ޕާޓީތަކާއި ބައެއް ގާނޫނީ ވަކީލުންގެ އިތުރުން ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ބޭފުޅުންގެ ބައިވެރިވިވެވަޑައިގެންނެވިއެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމާއި ޖުމްހޫރޫ ޕާޓީ ވެސް ބައިވެރިވިއެވެ. މީގެ އިތުރުން އެމްއެންޕީ އާއި ރިޔާސީ އިންތިހާބަށް އަމިއްލަ ގޮތުން ވާދަ ކުރައްވާ އުމަރު ނަސީރުގެ ފަރާތުން ވެސް އެ ބައްދަލުވުމުގައި ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ.