ސިޔާސީ ގޮތުން ޤައުމަށް ކުރިމަތިވާ ފުރޮޅުންތަކާއި، އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިމަތިވަމުން އަންނަ ކޮންމެ ބަދަލެއްގެ މިސްރާބު ސީދާކުރުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ފޮނުއްވި ޚިޠާބުގައި ވިދާޅުވީ ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން ކަށަވަރު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނޫސްވެރިންގެ އެންމެ އިސް ވާޖިބަކަށް ވާންވީ، އެންމެހައި ފަރުދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، މުޖުތަމަޢެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.
"ތެދު މަޢުލޫމާތު ލިބުމަކީ އެންމެ އަސާސީ އެއް ޙައްޤަށް ވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭންވާނީ ސާފު ތެދު މަޢުލޫމާތުކަން ކަށަވަރެވެ. ރައްޔިތުންގެ މެދުގައި ފަތުރާ މަޢުލޫމާތުގައި ދޮގާއި ޝައްކާއި ވަހުމާއި ޔޯލަތައް އެކުލެވިއްޖެ ނަމަ، ފަރުދީ އެތައް ޙައްޤެއް ގެއްލިގެން ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.
[caption id="attachment_50950" align="alignnone" width="2560"] ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށްފަހު، ބައެއް ނޫސްވެރިންނާ ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް[/caption]
ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ނޫސްވެރިންނަށާއި ނޫސްވެރިންގެ ޢާއިލާތަކަށް، އަދި ނޫސް އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންނަށް، ފޮނުއްވާފައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ. ހަމައެހެންމެ، ފަރުދުންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މުޖްތަމަޢެއްގައި ދިރިއުޅޭ އެންމެންގެ އިންސާނީ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އިސް ވާޖިބަކަށް ވާޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.