މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް ޔާމީންގެ އަތް ކަނޑަން ގޮވުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން އެގޮތަށް ބުނެފައި ވަނީ އިއްޔެ ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސްބަޔާން ނެރުނީ ރައީސް ޔާމީން އަތް ކަނޑަަޅައި، 100 އަހަރަށް ޖަލަށްލާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ގޮވާލެއްވުމުނެވެ. ޝިފާއު އެގޮތަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ، ވަޓްސްއެޕް ގްރޫޕެއްގައެވެ.

އިދިކޮޅުން ބުނީ އަތް ކަނޑަން ގޮވާލި މައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދެއްވުމަށް އެދޭ ކަމަށެވެ.

"..އަދި ޝިފާއު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ އަމަލަކަށްވާއިރު، މި މައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދެއްވުމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލަމެވެ،" ޕީޕީއެމާއި ޕީއެންސީން ގުޅިގެން ނެރުނު ބަޔާނުގައިވެއެވެ.

https://twitter.com/ProgressPartyMV/status/1653446756712194049?s=20

އިދިކޮޅުގެ ބަޔާނުގައި ދެން ބުނެފައި ކެބިނެޓް ބައެއް ވަޒީރުން ވެސް މަސައްކަތް ކުރަނީ ރައީސް ޔާމީނަށް އަނިޔާކޮށް، ނިޒާމުން ގެއްލުވާލުމަށް ކަމަށެވެ. އިދިކޮޅުގެ އެ ތުހުމަތު އަމާޒުކޮށްފައި ވަނީ ހޯމް މިނިސްޓަރު އިމްރާނަށެވެ.

އަތް ކަނޑަން ގޮވުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށް އިދިކޮޅުން ބުނެފައިވާއިރު، ގާނޫނުލް އުގޫބާތުގައި ބުނެފައި ވަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގާނޫނުލްއުގޫބާތާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ. އެގޮތަށް ބަޔާންކޮށްފައި ވާނީ ގާނޫނުލް އުގޫބާތުގެ 1205 ވަނަ މާއްދާގައެވެ.