އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އޮގަސްޓު މަހަށް ނިންމާލެވޭނެ ކަމަށް މަގު ހަދާ ކުންފުނި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެ މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ. ތާރު އަޅާ ނިންމައި ފުރަތަމަ ތިން ސެގްމަންޓު އާއްމުންނަށް ހުޅުވައިލީ މާޗް މަހުއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ އެއްވެސް މަޑުޖެހުމެއް ނެތި މަޝްރޫއު ކުރިއަށްދާނަމަ ކުރިއަށް އޮތް ތިން މަސް ތެރޭގައި މަަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
[caption id="attachment_47611" align="alignnone" width="2560"] އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީ އާއި އާރްޑީސީން ކުރަމުން ގެންދަނީ-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]
"އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް ގޮަތަށް މަަސައްކަތްކުރިއަށްދާހާ ހިނދަކު އޮގަސްޓުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް،" މޫކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އާރްޑީސީން އަމީނީމަގު ތަރައްގީކޮށް ނިންމާލުމުން، އަޕްގްރޭޑިންގެ ކޮންމެ މަސައްކަތަކަށް ވެސް މަގު ކޮންނަން ނުޖެހޭނެ ކަމަށެވެ.
"މަގު ނުކޮނެ ކޮންމެ ހިދުމަތެއްގެވެސް އަޕްގްރޭޑިންގެ މަސައްކަތެއް ނުވަތަ އެހެން މަސައްކަތެއްވެސް ކުރެވޭނެ ގޮތަށް އެހެރީ މަގު ޑިޒައިން ކުރެވިފައި،" މުކޭ ވިދާޅުވިއެވެ.
މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.