ޔުގާންޑާގެ މިނިސްޓާ އޮފް ޖެންޑާ އެންޑް ލޭބާގެ ނައިބުގެ މަގާމުގައި ހުންނެވި ރިޓަޔާޑް ކާނަލް ޗާލްސް އޮކެލޯ އެންގޯލާ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އޮކެލޯ ގަޔަށް ބަޑިޖެހީ އޭނާ ބޮޑީގާޑެވެ. މިނިސްޓަރު މަރާލީ ސީދާ ސަބަބެއް އަދި މިހާތަނަށް ސާފުވެފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ޔުގާންޑާގެ ބައެއް ނޫސްތަކުން ބުނީ އޮލެކޯ މަރާލާފައިވާނީ ބޮޑީގާޑާ ދެމދު ހިނގި ހަމަނުޖެހުންތަކެއްގައެވެ. އެކަމެއް ހިނގީ ބޮޑީގާޑުގެ މުސާރާ ނުލިބޭތީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.
ޔުގާންޑާގެ ނޫހެއް ކަމަށްވާ ނައިލްޕޯސްޓްގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ ހާދިސާ ހިނގާފައި ވަނީ އެގައުމުގެ ވެރިރަށް ކަމްޕާލާ ގައި ހުންނަ މިނިސްޓަރުގެ ގޭގައެވެ. އެވަގުތު މިނިސްޓަރު ދިޔައީ ވަޒީރުންގެ ބައްދަލުވުމަށް ވަޑައިގަންނަން ތައްޔާރުވަމުންނެވެ.
މަންޒަރު ދުށް މީހުން ހަވާލާދީ ބުނެފައިވާ ގޮތުން މިނިސްޓަރު ގަޔަށް ބަޑި ޖެހުމުގެ ކުރިން ބޮޑީގާޑު ވަނީ އެތައް ދުވަހެއް ވަންދެން މުސާރަ ނުލިބޭ ކަމަށް ބުނެ ހަޅޭލަވާފައެވެ. އެ ބޮޑީގާޑަކީ ވިލް ސަމް ސަބިއްޓީ ނަމަކަށް ކިޔާ އޮފިސަަރެކެވެ. އޭނާ ވަނީ މިނިސްޓަރު ގަޔަށް ބަޑިޖެހުމަށް ފަހު، އަމިއްލަ ގަޔަށް ބަޑިޖަހާ މަރުވެފައެވެ.
"ގާޑު ބުނީ އޭނާއަށް މުސާރައަށް ލިބެން ޖެހޭ 1،000 ޑޮލަރު ނުދޭ ކަމަށް. އޭނާ ބުނީ މާބަނޑު އަންހެނަކު އެބަހުރި ކަމަށާއި ދަރިން ސްކޫލަށް ނުދާ ކަމަށް. އެކަމަކު މިނިސްޓަރުގެ ދަރިން ސްކޫލަށް ދާ ކަމަށް،" މަންޒަރު ދުށް މީހާކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ޖެންޑާ އެންޑް ލޭބާގެ މިނިސްޓަރު ބެޓީ އަމޯންގީ ވިދާޅުވީ އޮކެލޯގެ ބޮޑީ ގާޑެއްގެ ގޮތުގައި ވިލް ސަމް މަސައްކަތްކުރަމުން އަންނަތާ މަހެއްހާ ދުވަސްވެދާނެ ކަމަށެވެ.
"ތަހުގީގު މިހާރު އޮތީ ރިވިއު ކުރުމުގެ ފުރަތަމަ މަރުހަލާގައި... އަދި އެކަން ކަށަވަރު ކުރެވެންދެން ބަޑީގެ ހަމަލާ ދޭން މެދުވެރިވި ސަބަބާ މެދު އަންދާޒާ ކުރާކަށް ބޭނުމެއް ނޫން،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި ޔުގާންޑާގެ ސަރުކާރުގެ އިސްވެރިންތަކެއް ވަނީ ބަޑިޖަހައި މަރާލާފައެވެ. 2021 ވަނަ އަހަރު ހަތިޔާރު އެޅި ބަޔަކު ވަނީ ޔުގެންޑާގެ އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ދަތުރުކުރަމުން ދިޔަ ވެހިކަލަށް ބަޑިން ހަމަލާދީފައެވެ. އެ ހަަމަލާގައި އަސްކަރިއްޔާގެ ވެރިޔާގެ އިތުރުން އޭނާގެ އަންހެން ދަރިފުޅު ވަނީ މަރުވެފައެވެ.