ސްޓެލްކޯއިން މީޓަރު ރީޑިން ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް، "ދިޔަރެސް" ނޫހުން ލިޔެފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތި ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހަބަރެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ "މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯ އިން ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް ބޮޑުކޮށްފި" އެ ސުރުހީގެ ދަށުން އިއްޔެ "ދިޔަރެސް" ނޫހުން ޝާއިއުކޮށްފައިވާ އެ ހަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާއި ހިލާފު، ދޮގު މައުލޫމާތު ހިމަނައިގެން އެ ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

އެ ކުންފުނިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް ކަމަށް ސްޓެލްކޯ އިން ބުނެއެވެ. މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރާ މިންވަރަށް ކަމަށްވެސް ސްޓެލްކޯ އިން ބުނެއެވެ. ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ އަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެ ކަމަށާއި މީގެ އިތުރުން، އެ އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިން) ފެންނަން ހުންނާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.

"ކޮވިޑް-19 ގެ ހާއްސަ ހާލަތުގައި މީޓަރުގެ ރީޑިން ނެގުމަށް އަމަލުކުރަމުން އައި ގޮތް ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުސޫލަށް އިޔާދަކުރެވިފައެވެ. އެހެންކަމުން، ކޮވިޑް-19ގެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިން ނެގުމަށް އަމަލުކުރި އުސޫލަށް މިހާރުވެސް ރީޑިން ނަގާކަމަށް އެ ހަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަގީގަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށް މިކުންފުނިން ދެކެމެވެ" ސްޓެލްކޯ އިން ބުނެއެވެ.

ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށާއި އެކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނިން ހޫނު މޫސުމުގައި އާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިސޯދު ކުރުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ. މިއަހަރުވެސް ހޫނު މޫސުމާ ގުޅިގެން، އާންމުން ހޭލުންތެރި ކުރުވުމަށް، ނޫސްވެރިންނަށް ހާއްސަކޮށްގެންވެސް ސްޓެލްކޯ އިން ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށާއި ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް އެ ކުންފުނިން މަރުޙަބާ ކިޔާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެކުންފުނިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ. އަދި، އެއީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އަސާސްތަކެއްވެސް ނޫން ކަމަށާއި އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެ އަސާސްތައް ދެމެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.