ރާއްޖެއަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި އެކިދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޝުކުރު އަދާކުރައްވައިފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންގްއާ ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އަވަށްޓެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވަމުން އަންނަ ޒަމާންވީ ގާތްގުޅުމުގެ ތާރީހަށް އަލި އަޅުވާލައްވާފައެވެ. އަދި ދެ ގައުމުގެ މަތީފަންތީގެ ބޭފުޅުންގެ ދަތުރުފުޅުތަކާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާއެކު ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ކުރިމަގުގައިވެސް ދިފާއީ ދާއިރާއިން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ކޮމިޝަން ކުރެވިގެންދިޔަ، އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި ކޯސްޓްގާޑް އުޅަނދު "ހުރަވީ" އަދި ލޭންޑިން ކްރާފްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގާބިލުކަން އިތުރު ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ ހައިޑްރޯގްރަފީ ސާވޭގެ މަސައްކަތް ވަރަށް ބޮޑަށް ކުރިޔަށްގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ސާވޭތައް ކުރިޔަށް ގެންދިއުމަށް ބޭނުންވާ އިކުއިޕްމަންޓްގެ އެހީތެރިކަންދެއް ވާތީ އެކަން ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ނޫ އިގްތިސޯދީ ސިޔާސަތަށް އެހީތެރިވެދިނުމުގެ ގޮތުން ޖުމްލަ ތިން ބުރެއްގެ ސާވޭގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ސާވޭގެ ދަށުން ތައްޔާރުކޮށްފައިވާ ޗާޓުތައް ދިވެހި ސަރުކާރާ ހިއްސާ ކުރައްވާފައިވާކަން ފާހަގަކުރައްވައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ޗާޓުތަކަށް އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖެއަށް ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވައި އެކި ދާއިރާތަކުން އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަމާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. އަދި އެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުން ނިންމާލައްވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ރާއްޖޭގައި އިންޑިއާ އިން ކުރިޔަށްގެންދާ ތަރައްގީގެ އެކިއެކި މަޝްރޫއުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުރިމަގުގައި ވެސް އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަގީންކަން އިންޑިއާގެ ޑިފެންސް މިނިސްޓަރު ދެއްވިއެވެ.