އެމްއެންޑީއެފް ކޯސްޓްގާޑު “ޝިޕް ހުރަވީ”ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ކޯސްޓުގާޑަށް ދިން އާ އުޅަނދު ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
މި އުޅަނދު ރަސްމީކޮށް މިއަދު ހަވާލު ކޮށްފައި މިވަނީ މިހާރު ރާއްޖެ އަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހްގެ ދަތުރުފުޅުގެ ތެރެއިންނެވެ. ހުޅުމާލޭގައި އޮތް އެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގަތެވެ.
މި މަނަވަރާއި ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއެވެ. އިންޑިއާގެ ފަރާތުން އެ މަނަވަރު ރަސްމީކޮށް ހަވާލު ކޮށްދެއްވީ ރަޖްނާތު ސިންހްއެވެ.
އެމްއެންޑީއެފް އިން ބުނީ ކޯސްޓްގާޑް ފްލީޓްގައި އޮތް އެންމެ ބޮޑު އަދި އަސްކަރީ ގޮތުން އެންމެ ގާބިލް އުޅަނދު ކަމަށްވާ، ކޯސްޓްގާޑް “ޝިޕް ހުރަވީ” އަކީ 2006 އޭޕްރީލް 16 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ހަދިޔާކޮށްފައިވާ އުޅަނދެއް ކަމަށެވެ. އެދުވަހުން ފެށިގެން އެ އުޅަނދު ކޮންމެ 2 އަހަރަކުން ރީފިޓްކޮށް މަރާމާތު ކޮށްދެމުން އަންނަނީ އިންޑިއާގެ ހިލޭ އެހީގައެވެ.
އެމްއެންޑީއެފް އިން ބުނީ މިހާތަނަށް 6 ފަހަރެއްގެ މަތިން އެ އުޅަނދު އިންޑިޔާގެ ނޭވަލް ޑޮކްޔާޑުގައި ރީފިޓްކޮށް މަރާމާތު ކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން 2019 ވަނަ އަހަރު އިތުރު އުޅަނދެއް (ސީޖީ ކާމިޔާބު) ހަދިޔާ ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ކޯސްޓްގާޑް “ޝިޕް ހުރަވީ” އަށް ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުރަވީގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދާ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަލަށް ދިން އުޅަނދަކީ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި ދިން އުޅަނދެއް ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެ އުޅަނދު މިދިޔަ މަހުގެ 17ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި މިފަހަރު އިންޑިއާ އިން ހަދިޔާ ކޮށްފައިވާ އުޅަނދަކީ ކޯސްޓުގާޑު “ޝިޕް ހުރަވީ” އަށްވުރެ ބޮޑު، އޮޕަރޭޝަނަލް ގާބިލްކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށެވެ، ކަން ފާހަގަކުރަމެވެ. އާ އުޅަނދާއެކު ކޯސްޓްގާޑު “ޝިޕް ހުރަވީ” ޑީކަމިޝަން ކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.