ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރީޝަސްގެ ރައީސަށް ފޮނުވި ސިޓީފުޅާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުން އެއްވެސް ބައެއް ގެއްލިގެން ދިޔަ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ މިދިޔަ ހުކުރު ދުވަހު މައްސަލަ ނިންމައިފައެވެ. ނަމަވެސް އެ ނިންމުމަށް ބައެއް ސިޔާސީ ފަރާތްތަކުން ހާއްސަކޮށް ސަރުކާރާއި އިދިކޮޅު ޕާޓީތަކާއި އަދި ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ސިޔާސީ ބައެއް އެހެން ޕާޓީތަކުންނާއި އެޕާޓީތަކުގެ އިސްވެރިން އަންނަނީ ފާޑު ވިދާޅުވަމުންނެވެ.

އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ޗާގޯސްއާ ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި (އިޓްލޮސްއިން) އިއްވި ޙުކުމަކީ ،އިގްތިސޯދީ ނަފާ ހޯދުމަށް ދިވެހިންނަށް ލިބެން އޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުސަތު ގެއްލިގެންދިޔަ ހުކުމެއް ކަމަށެވެ.

‏ދިވެހީންނަށް އެ ފުރުސަތު ގެއްލިގެން ދިއުމުގައި، ދިވެހި ސަރުކާރުން އެކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، މޮރީޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން، ފަނޑިޔާރު އިއްވި ހުކުމުގެ ގަޒިއްޔާގެ 20 ވަނަ ސޮފްހާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް ވިދާޅުވިއެވެ.

https://twitter.com/qasimibrahim/status/1653108473406832640?s=20

"މިއަމަލަކީ، ދިވެހިރާއްޖޭގެ ގާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96 ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ހިލާފަށް ކުރެއްވެވި ޢަމަލަކަށް ނުވޭތޯއެވެ" ގާސިމް ވިދާޅުވިއެވެ.

‏ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެ ކަމަށާއި
‏އެހެންކަމުން އިޓްލޮސްގެ އެ ހުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ނިކުމެވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

https://twitter.com/AhmedMuizzu/status/1653267833563021312?s=20

ގާސިމަށް ރައްދު ދެއްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ. ނަމަވެސް ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޗާގޯސް އައިލެންޑްގެ ކަނޑުގެ ސަރަހައްދުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރައެވެ. އެހެންކަމުން އެ މައްސަލަ އިޓްލޮސް އަށް ހުށަހަޅާފައި ވަނީ މޮރިޝަސް އިންނެވެ.

އިޓްލޮސްގައި ވެސް އެންމެ ބޮޑަށް ދެގައުމުގެ މެދުގައި ހިޔާލު ތަފާތުވެގެން ދިޔައީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ފަށާ ހިސާބެވެ.

މޮރިޝަސް އިން ބުނަނީ އިން ބަހަން ޖެހޭނީ ބްލެންހެމް ރީފުން ފެށިގެން ކަމަށެވެ. އެކަމަކު އެއީ މޮރިޝަސް އައްސޭރި ފަށުގެ ބައެއް ނޫން ކަމަށް ބުނެ ރާއްޖެ އިން ވަނީ އެކަން ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.

ރާއްޖެ އިން ވަނީ މޮރިޝަސް އިން ކަނޑައަޅަން ހުށަހަޅާފައިވާ ބޭސް ޕޮއިންޓަކީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނެއް ނޫން ކަމަށް ބުނެފައެވެ.

އެ ހުރިހާ ހެކިތަކުގެ މައްޗަށް ބެލުމަށް ފަހު އިޓްލޮސް އިން މޮރީޝަސް އިން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމިއެވެ.

އިޓްލޮސް އިން މިދިޔަ ހުކުރު ދުވަހު ނިންމި މައްސަލާގައި ވަނީ ރާއްޖޭގެ ހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ. އަދި ބްލެންހަމް ރީފް އަކޯ ބޭސް ޕޮއިންޓު ނޫން ކަމަށް އޮޓްލޮސް އިން ނިންމިއެވެ.

އެގޮތަށް ނިންމުމުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރީޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. ބްލެންހެމް ރީފް އަކީ ބޭސް ޕޮއިންޓު ކަމަށް ނިންމި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބުނީހެވެ.