"އުއްމީދެއް ނުކުރަން މިވަރުގެ މުސާރައަށް ދުވަހަކުވެސް ލިބޭނެ ކަމަކަށް. އަސްލު އެހެންވެގެން ވިސްނުން ހުރީ ވެސް ކިޔަވައިގެން ގައުމުން ބޭރުގައި ވަޒީފާ އަދާކުރަން. އަސްލު ވަރަށް އުނދަގޫ އެހެން ނިންމަން. އެއީ އާއިލާ މީހުންނާއި ދުރުގައި ދިރިއުޅެން ޖެހޭނެތީ. އެކަމަކު ކިޔަވަން ނެގި ލާރިވެސް ދައްކަން ޖެހޭ. އެހެންވީމަ ރަނގަޅު އެއްޗެއް ލިބޭ ތަނެއްގައިތާ ވޯކް ކުރެވޭނީ. އެކަމަކު ޓުބީ ހޮނެސްޓު އެ ވިސްނުން އެއްކޮށްހެން ދޫކޮށްލައިފިން. ލިބޭ އުޖޫރަ ރަނގަޅުވެއްޖެ. މިހާރު އާއިލާ ކައިރީގައި ހުރެގެން،" އެމެރިކާގައި ހުންނަ ޔުނިވާސިޓީ އޮފް ޕިޓްސްބާގައި އާޓްފިޝަލް ފައި ޖެހުމާ ގުޅޭ ހާއްސަ ދާއިރާއެއް ކަމަށްވާ މެޑިކަލް ޕްރޮސްތެޓިކްސް ޕްރޮފެޝަނަލްގެ ދާއިރާ އިން ތައުލީމު ހާސިލު ކުރަމުން އަންނަ ދަރިވަރަކު މި ނޫހާ ވާހަކަދައްކަމުން ބުންޏެވެ.
ޕޭ ކޮމިޝަނުން އާއްމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މެޑިކަލް ޕްރޮސްތެޓިކްސް ޕްރޮފެޝަނަލްގެ އެއްވެސް ރޭންކެއްގައި ދިވެއްސަކު ނެތެވެ. މިކަން މިގޮތަށް ވެފައި ވަނީ މި ދާއިރާ އިން ތައުލީމު ހާސިލް ކޮށްފައިވާ "އެއްވެސް ދަރިވަރަކު" ރާއްޖޭގައި ނެތުމުންނެވެ. އަދި ތިއްބަސް އޭރު މުސާރައިގެ އޮނިގަނޑުގެ ތެރެއިން އެކަށީގެންވާ އަދަދެއްގެ އާމްދަނީއެއް ނުލިބޭތީއެވެ.
[caption id="attachment_50838" align="alignnone" width="1024"] އައިޖީއެމްއެޗުގެ އޮޕަރޭޝަން ތިއޭޓަރުގައި ސިއްހީ ހިދުމަތްތެރިންތަކެއް -- ފޮޓޯ / އައިޖީއެމްއެޗް[/caption]
ކޮންސަލްޓަންޓް ޕްރޮސްތެޓިސްޓް - އޯތޮޓިސްޓް ނުވަތަ ކޮންސަލްޓަންޓް ޕްރޮސްތެޓިސްޓް ނުވަތަ ކޮންސަލްޓަންޓް އޯތޮޓިސްޓެއްގެ މުސާރައިގެ ގޮތުގައި ޕޭ ކޮމިޝަނުން ވަނީ 35,597 ރުފިޔާ ކަނޑައަޅާފައެވެ. މި އަދަދަކީ އިތުރު ވަގުތާއި ނުލާ ކަނޑައަޅާފައިވާ އަދަދެކެވެ.
"އަމިއްލަ ގައުމުގައި އާއިލާ އެންމެން ކައިރީގައި އެއްފަސްގަނޑެއްގައި ތިބެގެން ވަޒީފާ އަދާކުރާއިރު އަޅުގަނޑު ގަބޫލު ކުރަނީ މިވަރުގެ އެމައުންޓެއް ރަނގަޅު ކަމަށް. މީގައިވާ ގޮތުން ކޮންމެ ދެ އަހަރަކުން އަދި އިންކްރިމަންޓު އެބަ އާދޭ. ދެ އަހަރު ވެގެން ދާއިރު އޯޓީއާ ނުލާ 38،000އަށްވުރެ ބޮޑު އެއްޗެއް އެބަ ލިބޭ. އަދި ހަތަރު އަހަރުފަހުން އެބަ ލިބޭ 40،000 ރުފިޔާ. އެވެސް އޯޓީ ނުލާ،" ކުރިންވެސް ވާހަކަދެއްކި ދަރިވަރު ބުންޏެވެ.
މުސާރަ އަށް އެންމެ ބޮޑު ކުރިއެރުމަށް ލިބިގެން ދިޔަ ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ނަރުހުންނާއި ސްޕެޝަލިސްޓު އަދި ސަބް ސްޕެޝަލިސްޓު ޑޮކްޓަރުން ހިމެނެއެވެ. މީގެތެރެއިން ސީނިއާ ސަބް ސްޕެޝަލިސްޓު ޑޮކްޓަރުންގެ (ރޭންކް 12) ތެރޭގައި ދިވެހިންނެއް ނުހިމެނެއެވެ. މި ރޭންކުގެ ޑޮކްޓަރުންނަށް އެލަވަންސާއެކު 98،137 ރުފިޔާ ލިބިގެން ދާނެއެވެ. ސީނިއާ ސަބް ސްޕެޝަލިސްޓު ޑޮކްޓަރު (ރޭންކް 11)ގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. އެ ރޭންކުގެ ޑޮކްޓަރުންނަށް އެލަވަންސާއެކު 87،392 ރުފިޔާ ލިބޭނެއެވެ. މީގެ ކުރިން އެލަވަންސާއެކު ރޭންކު 11ގައި ހިމެނޭ ޑޮކްޓަރުންނަށް ލިބެނީ 71،649 ރުފިޔާއެވެ. ސީނިއާ ސަބް ސްޕެޝަލިސްޓު ޑޮކްޓަރު (ރޭންކް 10)ގައި 10 ދިވެހި ޑޮކްޓަރުން ތިބިއިރު މި ރޭންކުގެ ޑޮކްޓަރުންނަށް އެލަވަންސާއެކު 77،577 ރުފިޔާ ލިބިގެން ދާނެއެވެ. މީގެކުރިން ލިބެނީ 60،409 ރުފިޔާއެެވެ.
[caption id="attachment_12516" align="alignnone" width="1280"] ޕީޕީއީ ލައިގެން ތިބި ސިއްހީ ހިދުމަތްތެރިންތަކެއް: ފޮޓޯ / ހަތާވީސް[/caption]
މިފަދަ ދާއިރާތަކުން ހާއްސަ ޑޮކްޓަރުން މިވަގުތު ނެތް ނަމަވެސް، ކުރިޔަށް އޮތް ތަނުގައި މިފަދަ ދާއިރާތަކުން ތައުލީމު ހާސިލް ކޮށްގެން ރާއްޖޭގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ އަދަދު އިތުރުވާނެއެވެ. އަދި މިހާރުވެސް މިފަދަ ދާއިރާތަކުން ތައުލީމު ހާސިލް ކޮށްގެން ގައުމުން ބޭރުގައި ވަޒީފާ އަދާކުރާ ޑޮކްޓަރުން އެނބުރި ގައުމަށް އައިސް މަސައްކަތް ކުރުމަކީ ވެސް ދެން އެކަށީގެންވާ ކަމެކެވެ.
ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެންމެ ބޮޑު އެއް ޝަކުވާއަކީ ރާއްޖޭގެ ރަށްރަށުގައި ހުންނަ ހޮސްޕިޓަލުތަކުގައި ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ނުހުންނަ ވާހަކައެވެ. ހެލްތު މިނިސްޓްރީ އަށްވެސް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ ހާއްސަ ބަލިތަކުގެ ދާއިރާ އިން ތައުލީމު ހާސިލް ކޮށްފައިވާ ދިވެހިން ހޯދުމަށް ދަތިވުމެވެ. އެކަމުގެ ސަބަބުން ދެން ޖެހެނީ ކައިރި ގައުމުތަކުން ޑޮކްޓަރުން ގެންނާށެވެ. ގައުމުން ބޭރު ޑޮކްޓަރުން ގެނެސް އެ ޑޮކްޓަރުންނަށް ދޭ އުޖޫރަ އަކީ ރާއްޖޭގައި ހިފެހެއްޓޭނެ ފައިސާއެއް ނޫނެވެ. ކޮންމެވެސް އެއް މިންވަރެއް އަބަދުވެސް ގައުމުން ބޭރުވެގެން ދާނެއެވެ. އެހެންކަމުން ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކޮށްފައި ވަނީ ރަށްރަށުގެ ހޮސްޕިޓަލުތަކަށް ހާއްސަ ބަލިތަކުގެ ދިވެހި ޑޮކްޓަރުން ހޯދުމަށް ދިމާވާ ދަތިތަކަށް ވެސް ބެލުމަށްފަހުއެވެ.
[caption id="attachment_50837" align="alignnone" width="1024"] ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ފައިޒަލް: ފޮޓޯ / ރައީސް އޮފީސް[/caption]
"މީގައި ގިނަ މެޓްރިކްސްތަކަކީ ހަގީގަތުގައި ދިވެހިން ނެތް މަގާމުތައް. އެއީ ދެން މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް ދިވެހިން އެހާ ބޮޑަށް ކުރިމަތިވެސް ލާފައި ނެތީ، ކިޔަވަންވެސް ގޮސްފައި ނެތް ދާއިރާތައް އެ ހުންނަނީ. ހަގީގަތުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ދިވެހިން ބޭނުންވާ ދާއިރާތައް އެ ހުންނަނީ. އެހެންވެގެން އަޅުގަނޑުމެންގެ ބޭނުމަކީ ރަނގަޅު މުސާރަތަކާއެކު ކިޔަވާ ކުދިން އިނގޭތޯ އެ ދާއިރާތަކުން ކުރިޔަށް ދާން. ވަރަށް ބޮޑެތި މުސާރަތައް ޖަހާފައި ތިބި ބައެއް ދާއިރާތައް އެބަހުރި، މި ބައިގައި ދިވެހިންނެއް ނެތް ދެއްތޯ އެއްގޮތަކަށްވެސް. އޭގެ ބޭނުމަކީ އެ ދާއިރާތަކުން ކުރިޔަށްދާ ދިވެހިންނަށް ފުރުސަތު ދިނުން،" ޕޭ ކޮމިޝަންގެެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވިއެވެ.
ފައިޒަލްގެ ވާހަކަފުޅުންވެސް ސާފުވެގެންދާ އެއް ކަމަކީ މި ދާއިރާތަކުން ދިވެހިން އުފެއްދުމަށް ސަރުކާރުން ބާރު އަޅާފައިވާ މިންވަރެވެ. ގައުމުން ބޭރުވާ ފައިސާ ގައުމުގައި ހިފެހެއްޓުމަކީ ސަރުކާރުގެ ވިސްނުމެވެ. އޭރުން ގައުމުގެ އިގްތިސޯދަށް ވެސް ލިބޭނެ ކުރިއެރުންތަކެއް ހުންނާނެއެވެ. ޕޭ ކޮމިޝަނުން ޝީޓެއްގައި އަދަދުތަކަކާއި މަގާމުތަކެއް ޖަހާލާފައި ހުރީއެއް ނޫނެވެ. މި މަގާމުތަކަކީ ކިޔަވައިގެން އަންނަ މިންވަރަކުން ދިވެހިންނަށް ވަޒީފާ ލިބޭނެ ދާއިރާތަކެވެ. އެ ވަޒީފާއާއެކު ބޮޑު މުސާރަވެސް ލިބޭނެއެވެ.
[caption id="attachment_50883" align="alignnone" width="1024"] ހެލްތު މިނިސްޓަރު އަހްމަދު ނަސީމް: ފޮޓޯ / ރައީސް އޮފީސް[/caption]
ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ މުސާރަ އަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ދިވެހިންގެ ހިއްސާ ސިއްހީ ދާއިރާގައި އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މި ދާއިރާ އިން ކުރިޔަށް ދެވޭނެ މަގުވެސް ސާފުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުސާރައިގެ ކުރިއެރުމާއެކު އިތުރަށް ތައުލީމު ހާސިލް ކުރުމަށް ހިތްވަރެއް ލިބިގެން ދާނެ ކަމަށް ނަސީމް ފާހަގަކުރެއްވިއެވެ.
މީގެކުރިން އަބަދުވެސް އަޑު އިވެނީ އެއް ވާހަކައެކެވެ. ކިތަންމެ މޮޅަށް ކިޔަވައިގެން އައި ނަމަވެސް އަމިއްލަ ގައުމަށް ހިދުމަތް ކުރުމަށް ކިތަންމެ ބޭނުންވިއަސް ކިޔެވި ކިޔެވުމާއި ކުރަންޖެހޭ މަސައްކަތްތަކާއި އަޅާ ބަލާއިރު ލިބޭ އުޖޫރަ ކުޑަ ކަމުގެ ޝަކުވާއެވެ. ހާއްސަކޮށް ސަރުކާރުގައި މަސައްކަތް ކުރުމަށްވުރެ އަމިއްލަ ހޮސްޕިޓަލެއް ނުވަތަ ކްލިނިކެއްގައި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީވެސް ރަނގަޅު ކަމެވެ. އެކަން އެގޮތަށް ހުރުމުގެ ސަބަބުން ސަރުކާރުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރުންނަށް ޖެހެނީ ހުސް ވަގުތަކުގައި އެހެން ދިމަ ދިމާލުގައި މަސައްކަތް ކުރާށެވެ. ނޫން ނަމަ ރަނގަޅު އޮފާއެއް އަތުވެއްޖެ ނަމަ ސަރުކާރު ހޮސްޕިޓަލު ދޫކޮށް އަމިއްލަ ހޮސްޕިޓަލެއްގައި ދާއިމީ ވަޒީފާ އަދާކުރާށެވެ. ނޫން ނަމަ ގައުމު ދޫކޮށް އާއިލާ ދޫކޮށް އެހެން ގައުމެއްގައި ވަޒީފާ އަދާކުރަން ދާށެވެ. ސިއްހީ ހިދުމަތްތެރިންގެ މުސާރަ އަށް ސަރުކާރުން ގެނެސްފައިވާ މި ބަދަލާއެކު މިހުރިހާ ކަމަކަށް ނިމުމެއް އަންނާނެއެވެ.