އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން އިންޑިއާ އަދި ރާއްޖޭގެ ޑިފެންސް މިނިސްޓަރުން މަޝްވަރާ ކުރައްވައިފިއެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު ސިންގް މިއަދު ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ބައްދަލުކުރައްވައިފައެވެ.

ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ދެގައުމުގެ ދިފާއީ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި ސަރަހައްދުގެ ސުލްހަވެރިކަމާއި، ހަމަޖެހުމާއި އަދި އަމަން އަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ދެބޭފުޅުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މީގެ އިތުރުން، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި، ގަވާއިދުތަކަށް އިހްތިރާމު ކުރުމާއި އަދި ދެގައުމު ގުޅިގެން ގާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ދިފާއީ އަދި އަސްކަރީ ދާއިރާއިން ދެގައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ހޯދަމުންދާ ކާމިޔާބީ ދެ ވަޒީރުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، ކައުންޓާ ޓެރަރިޒަމާއި، ޑިޒާސްޓާ މެނޭޖްމަންޓާއި، ސައިބާ ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން އެއްގައުމުން އަނެއްގައުމަށް މިހާރަށްވުރެ، ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

އެ ބައްދަލު ކުރެއްވުމުގައި މާރިޔާ ދީދީ ވަނީ، އިންޑިޔާ އިން ދިވެހި އަސްކަރިއްޔާއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަ ކުރައްވައި އިންޑިއާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.