ރާއްޖޭގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ހައްގުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އީޖާބީ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.
މަސައްކަތްތެރިން ދުވަހުގެ ތަހުނިޔާ އަރިސް ކުރުމުގެ ގޮތުން އެމްޑީޕީ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެމްޑީޕީ އަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް ގޮވާލާ, އަދި އެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އައު ގާނޫނުއަސާސީގެ ދަށުން އިންތިހާބު ކުރެވުނު އެ ޕާޓީގެ އެންމެ ފުރަތަމަ ސަރުކާރުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އެ ހައްގުތައް ކަށަވަރު ކުރުމަށް ސިޔާސަތުތަކެއް ތަންފީޒުކުރެވުނުކަން އެމްޑީޕީން ފާހަގަކުރިއެވެ. އަދި އޭގެ ފަހުން 2018 ގައި އިންތިހާބު ކުރެވުނު އެ ޕާޓީގެ ދެވަނަ ސަރުކާރުގައިވެސް މަސައްކަތްތެރިންނަށް ކުރިއަށްވުރެ ހައްގުތައް ފުޅާކުރެވި, އެ ހައްގުތައް ނަގަހައްޓާނެކަން ދިވެހިރައްޔިތުން ޔަގީންކުރާ ކަމަށް އެޕާޓީގެ ބަޔާނުގައިވެއެވެ.
ވަޒީފާއަދާކުރާ ތަނުން އެއްވެސް މުވައްޒަފަކާމެދު އަޅާ ފިޔަވަޅެއް ކަމާބެހޭ މުއައްސަސާއަށް އެއްވެސް ބިރެއް ނެތި އަދި އެ މައްސަލައެއް އެ މުވައްޒަފަކު ހުށަހެޅީތީ މަސައްކަތު މާހައުލުގައި ބިރު ދެއްކުމެއް ނެތި މައްސަލަތައް ބަލައި ނިމި އިންސާފު ލިބިގެންދާނެކަން އެއީ މިއަދު ފެންނަން އޮތް ހަގީގަތެއް ކަމަށް އެމްޑީޕީން ބުނެއެވެ.
"މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ފަރަގު ކުޑަކުރުމާއި މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލު ގެނައުމަށް ފަށާފައިވާ ސަރުކާރުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާއާއި ސިއްހީ އަދި ސޯޝަލް ސާވިސް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނެވިފައެވެ" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން, މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުހަނު ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން, ގާނޫނަކުން މިނިމަމް ވޭޖް ކަނޑައެޅިގެން ދިއުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ލިބޭނެ ގޮތް ގާނޫނަށް އިސްލާހު ގެނެވި ހަމަޖެހިގެން ދިއުމާއި ވިހެއުމާއި ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ބައްޕައަށް އެއް މަސްދުވަހުގެ ޕެޓާނިޓީ ލީވް ލިބުން ފަދަ އެތައް ސިޔާސަތުތަކެއް ތަންފީޒު ކުރެވިގެންދާއިރު މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރިއަށް ދާކަން އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރަންސްގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ބަޔާނުގައިވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ދިވެހި މަސައްކަތްތެރިން ބަލައިގަންނަ ފިޔަވަޅު ތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.