މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރި ކަމަށާއި އެކަންކަން ވެސް ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭޑޭ" މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރިކޮށް ކަމަށެވެ.

ރައީސްގެ ފާހަގަ ކުރެއްވި ގޮތުގައި މަސައްކަތްތެރިންގެ ޙައްޤުގައި ސަރުކާރުން މިއަދު ތަންފީޒު ކުރަމުން އަންނަ އެންމެ މުހިންމު ސިޔާސަތަކީ، ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމެވެ.

"ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ މުސާރަތަކަށް މި ގެންނަ ހެޔޮ ބަދަލުތަކަކީ، އެންމެ އެކަށީގެންވާ ބަދަލުތައް ކަމަށް ނުވިޔަސް، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ސިވިލް ސަރވިސްގެ މުސާރަތަކަށް، ނިސްބަތުން މިހާ ބޮޑު ބަދަލެއް އަންނަ ފުރަތަމަ ފަހަރެވެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މިދިޔަ ހަތަރު އަހަރެއްހާ ދުވަހަކީ، ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ޙައްޤުގައި، މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްތަކެއް ކަމަށެވެ. އެކަންކަމުގެ ލިސްޓު ރައީސްގެ ހިތާބުގައި ފާހަގަ ކުރެއްވިއެވެ.

މަސައްކަތްތެރިންނަށް ކޮށްދިން ކަންކަން:

ވިހެއުމާ ގުޅިގެން މެޓަރނިޓީ ލީވް އަދި ޕެޓަރނިޓީ ލީވް
މިނިމަމް ވޭޖް ކަނޑައެޅުން
ސަރވިސް ޗާޖްގެ ދިނުން ލާޒިމް ކުރުން
ތަފާތު ދާއިރާތަކުގެ މުސާރަ ބޮޑުކުރުން

ރައީސް ހިތާބުގައި މޭޑޭ ފަދަ މުހިއްމު ދުވަހެއްގައި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ގޮވާލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެ މީހުންގެ އިންސާނީ ކަރާމާތާއި، ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ލިބިދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވަޒީފާ އަދާކުރާ އެންމެހައި މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މީހުންގެ އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި، އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް މި ފުރުޞަތުގައި އަޅުގަނޑު ގޮވައިލަމެވެ،" ރައީސް ވިދާޅުވިއެވެ.