ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމުގައި ބޮޑެތި ބަލިތަކަށް ފަރުވާ ދޭ ދާއިރާތަކަށް ހާއްސަ އިސް ކަމެއް ދީފައިވާނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.

މާދަމާ އިން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ އިއުލާން ކުރައްވައިފައެވެ.

އެކަމުގެ ތަފްސީލު ދިނުމުގެ ގޮތުން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕޭ ކޮމިޝަންގެެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ މުސާރަ ބޮޑު ކުރުމުގައި އިސްކަން ދީފައި ވާނީ ސިއްހީ ދާއިރާގެ ފަންނުތަކުގެ ތެރެއިން ދިވެހިން ބިނާކުރުމަށް މިހާތަނަށް ދަތިވެފައިވާ ފަންނުތަކަށް ދިވެހިން ކުރިމަތިލުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ކެންސަރު ބަލިފަދަ ބޮޑެތި ބަލިތަކަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން ފުރަތަމަ ޑިގްރީ ނެތް މުވައްޒަފުން، އެންމެ ދަށްވެގެން އެހާ ހަމައަށް ތައުލީމު ހާސިލު ކުރުމަށް ބާރު އަޅާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުސާރަ އަށް އެންމެ ބޮޑު ކުރިއެރުމަށް ލިބިގެން ދިޔަ ސިއްހީ ހިދުމަތްތެރިންގެ ތެރޭގައި ނަރުހުންނާއި ސްޕެޝަލިސްޓު އަދި ސަބް ސްޕެޝަލިސްޓު ޑޮކްޓަރުން ހިމެނެއެވެ. މީގެތެރެއިން ސީނިއާ ސަބް ސްޕެޝަލިސްޓު ޑޮކްޓަރުންގެ (ރޭންކް 12) ތެރޭގައި ދިވެހިންނެއް ނުހިމެނެއެވެ. މި ރޭންކުގެ ޑޮކްޓަރުންނަށް އެލަވަންސާއެކު 98،137 ރުފިޔާ ލިބިގެން ދާނެއެވެ. ސީނިއާ ސަބް ސްޕެޝަލިސްޓު ޑޮކްޓަރު (ރޭންކް 11)ގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. އެ ރޭންކުގެ ޑޮކްޓަރުންނަށް އެލަވަންސާއެކު 87،392 ރުފިޔާ ލިބޭނެއެވެ. މީގެ ކުރިން އެލަވަންސާއެކު ރޭންކު 11ގައި ހިމެނޭ ޑޮކްޓަރުންނަށް ލިބެނީ 71،649 ރުފިޔާއެވެ. ސީނިއާ ސަބް ސްޕެޝަލިސްޓު ޑޮކްޓަރު (ރޭންކް 10)ގައި 10 ދިވެހި ޑޮކްޓަރުން ތިބިއިރު މި ރޭންކުގެ ޑޮކްޓަރުންނަށް އެލަވަންސާއެކު 77،577 ރުފިޔާ ލިބިގެން ދާނެއެވެ. މީގެކުރިން ލިބެނީ 60،409 ރުފިޔާއެެވެ.

ނަރުހުންގެ ތެރެއިން އެންމެ ބޮޑު މުސާރަ އަށް ލިބޭނެ ކަމަށް ޕޭ ކޮމިޝަނުން ބުނީ ނަރުހުންގެ ސުޕަވައިޒަރުންނާއި ސީނިއާ ކްލިނިކަލް ނަރުހުންނެވެ. މިއިން އެއްވެސް މަގާމެއްގައި އަދި އެއްވެސް މުވައްޒަފަކު ނެތެވެ. މީގެތެރެއިން ނަރުހުންގެ ސުޕަވައިޒަރުންގެ މަގާމަށް އެލަވަންސާއެކު 41،232 ރުފިޔާ ލިބޭނެއެވެ. ކްލިނިކަލް ނަރުހުންނަށް އެލަވަންސާއެކު 37،374 ރުފިޔާ ލިބޭނެއެވެ.

މީގެއިތުރުން އެލައިޑް ހެލްތުގެ ފަންނުތަކަށް މިހާތަނަށް ދެމުން ގޮސްފައިވަނީ އެ ފަންނުގެ މަސައްކަތާއި އެކަށީގެން ނުވާ މުސާރަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިޒަލް ވިދާޅުވީ މުސާރަ ބޮޑު ކުރުމަށް ނިންމާފައި ވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. ބޮޑުކުރި މުސާރަ ބިދޭސީ މުވައްޒަފުން ނުލިބޭނެ ކަމަށް ފައިޒަލް ވިދާޅުވިއެވެ. އެހެންކަމުން އައު މުސާރަ އަށް 3،710 މުވައްޒަފުން ހިޖުރަ ކުރާނެއެވެ.

ފައިޒަލް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ މުސާރަ އަށް ގެނައި ބަދަލާއެކު މަހެއްގެ މައްޗަށް 23.6 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.