މިއަދު ސަރުކާރުން ބޮޑުކުރި ސިއްހީ ހިދުމަތްތެރިންގެ މުސާރަ އަށް 3،710 މުވައްޒަފުން ހިޖުރަ ކޮށްފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިރޭ ބުނެފިއެވެ.

މާދަމާ އިން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ އިއުލާން ކުރައްވައިފައެވެ.

”ސިއްހީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޭނުން ނުހަނު ބޮޑު. މި ދާއިރާއަށް ގެނެވޭ ކުރިއެރުމާއި، މި ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބަރޯސާވެފައިވަނީ އިންސާނީ ވަސީލަތްތަކާ. ސިއްހީ ދާއިރާގެ ބޭފުޅުންނަށް މިހާތަނަށް ދެމުން އައީ، އެބޭފުޅުން އެ އުފުއްލަވާ ބުރަޔާ އެކަށޭނަ މުސާރައެއް ނޫން،” ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރިކަން އިއުލާން ކުރުމުގެ ގޮތުން ރައީސް ވިދާޅުވިއެވެ.

ބޮޑުކުރި މުސާރައިގެ އިތުރު ތަފްސީލް ދިނުމުގެ ގޮތުން މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ މުސާރަ ބޮޑު ކުރުމަށް ނިންމާފައި ވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. ބޮޑުކުރި މުސާރަ ބިދޭސީ މުވައްޒަފުން ނުލިބޭނެ ކަމަށް ފައިޒަލް ވިދާޅުވިއެވެ.

ފައިޒަލް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ މުސާރަ އަށް ގެނައި ބަދަލާއެކު މަހެއްގެ މައްޗަށް 23.6 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

[caption id="attachment_50837" align="alignnone" width="1024"] ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް: ފޮޓޯ / ރައީސް އޮފީސް[/caption]

ބޮޑުކުރި މުސާރަ ލިބޭ 3،710 މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުންނާއި އައިޖީއެމްއެޗްގެ 1،004 މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަކްގެ 298 މުވައްޒަފުންނާއި އެހެނިހެން 452 މުވައްޒަފުންނެވެ.

ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑުކުރިކަން އިއުލާނު ކުރުމުގެ ގޮތުން ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ވަނީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ސިއްހީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުމާއި ތަމްރީން ލިބިފައިވާ ދިވެހިން މިދާއިރާތަކަށް ލިބުން ދަތިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުގެ އުއްމީދަކީ ސިއްހީ ދާއިރާގެ މުސާރައަށް މިގެނެވޭ ހެޔޮބަދަލާއެކު، މިދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ އަދަދު އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުން،” ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.