މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯ އިން ބުނީ މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބެއް ކަމަށް އެކުންފުނިން ބުނީ އެސްޓީއޯ އިން ކުރަމުން ގެންދާ އެހެނިގެން ވިޔަފާރިތައް ކުރިއަރާ އެ ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.
އެހެން ނަމަވެސް އެސްޓީއޯގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ އަގަށް އައިސްފައިވާ ބަދަލާއިއެކު، މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓާރާއި އަޅާބަލައިރު އާމްދަނީ ވަނީ ތިން ޕަސެންޓު ދަށްވެފައެވެ.
އެސްޓީއޯގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 809 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރާއި އަޅާ ބަލައިއިރު 19 ޕަސެންޓުގެ ކުރިއެރުމެކެވެ. ޖުމްލަ ފައިދާ އިތުރުވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 503 މިލިއަން ރުފިޔާ ލިބިފައެވެ.
އެސްޓީއޯ އިން ބުނީ ޓެކުހަށް ކެނޑުމުގެ ކުރިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާ ކަމަށެވެ. ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓާރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 368 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓާރާއި އަޅާބަލައިއިރު 37 ޕަސެންޓުގެ ކުރިއެރުމެކެވެ.
މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ކުންފުނިން ކުރަމުން ގެންދާ ވިޔަފާރީތައް ރަގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމާއި އަދި ހިންގުމުގެ ހަރަދު އޭގެ ކުރީ ކުއާޓާރއާއި އަޅާބަލައިއިރު ދަށްކުރެވިފައިވުމެވެ.