ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މައްސަލަ ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިންގެ އިގްތިސޯދީ ހައްގުތައް ކަށަވަރުވެއްޖެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މީގެ ކުރިން އެ ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫން ކަމަށެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނަގާ އެހެން ގައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭ ފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ

"އެހެންކަމުން، އިޓްލޮސްއިން ނިންމެވި ނިންމުމާއެކު ބައިނަލްއަގުވާމީ ގާނުނުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބި، ދިވެހި މަސްވެރިންގެ އިގްތިސޯދީ ހައްގުތައް ކަށަވަރުވެއްޖެކަން ނުހަނު އުފަލާއެކު ފާހަގަކުރަން،" ބަޔާނުގައިވެއެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ހާއްސަ އިގްތިސޯދީ ސަރަޙައްދު ކަނޑައެޅިގެން ދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބިގެންދާ ހިތްވަރެއް ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
"ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި ނިންމި ނިންމުމަކީ، ބައިނަލްއަގުވާމީ ޤާނޫނުތަކާއި ބައިނަލްއަގުވާމީ ނިޒާމަށް، ރާއްޖޭގެ އިސް ޑިޕްލޮމެޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިހުތިރާމު ކުރައްވާކަން ފެނިގެންދާކަމުގެ ހެއްކެކެވެ. އެހެންކަމުން، މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުން ހާއްސަ އިގްތިސޯދީ ސަރަހައްދުގެ އައުޓާ ލިމިޓް ކަނޑައެޅި، މި ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުވެ، ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބުމަކީ އައްޑޫ ސިޓީ ކައުންސިލުން ނުހަނު އުފަލާއެކު މަރުހަބާ ކިޔާކަމެކެވެ" ބަޔާނުގައިވެއެވެ.
ޗާގޯސް އައިލެންޑްގެ ކަނޑުގެ ސަރަހައްދުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރައެވެ. އެހެންކަމުން އެ މައްސަލަ އިޓްލޮސް އަށް ހުށަހަޅާފައި ވަނީ މޮރިޝަސް އިންނެވެ.

އިޓްލޮސްގައި ވެސް އެންމެ ބޮޑަށް ދެގައުމުގެ މެދުގައި ހިޔާލު ތަފާތުވެގެން ދިޔައީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ފަށާ ހިސާބެވެ.

މޮރިޝަސް އިން ބުނަނީ އިން ބަހަން ޖެހޭނީ ބްލެންހެމް ރީފުން ފެށިގެން ކަމަށެވެ. އެކަމަކު އެއީ މޮރިޝަސް އައްސޭރި ފަށުގެ ބައެއް ނޫން ކަމަށް ބުނެ ރާއްޖެ އިން ވަނީ އެކަން ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ.

ރާއްޖެ އިން ވަނީ މޮރިޝަސް އިން ކަނޑައަޅަން ހުށަހަޅާފައިވާ ބޭސް ޕޮއިންޓަކީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނެއް ނޫން ކަމަށް ބުނެފައެވެ.

އެ ހުރިހާ ހެކިތަކުގެ މައްޗަށް ބެލުމަށް ފަހު އިޓްލޮސް އިން މޮރީޝަސް އިން ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމިއެވެ.

އިޓްލޮސް އިން މިދިޔަ ހުކުރު ދުވަހު ނިންމި މައްސަލާގައި ވަނީ ރާއްޖޭގެ ހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ. އަދި ބްލެންހަމް ރީފް އަކޯ ބޭސް ޕޮއިންޓު ނޫން ކަމަށް އޮޓްލޮސް އިން ނިންމިއެވެ.

އެގޮތަށް ނިންމުމުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރީޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. ބްލެންހެމް ރީފް އަކީ ބޭސް ޕޮއިންޓު ކަމަށް ނިންމި ނަމަ މޮރިޝަސް އަށް 4،687 އަކަކިލޯމީޓަރު އިތުރަށް ލިބުނީހެވެ.