މާދަމާ އިން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރުމާއި ގުޅިގެން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ރައީސަށް ޝުކުރު އަދާ ކުރައްވަވައިފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އިއުލާން ކުރެއްވުމުގެ ގޮތުން މިއަދު ހެނދުނު ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެކަން އިއުލާން ކުރަން ލިބިވަޑައިގަތުމަކީ ލިބިގެން ދިޔަ އުފަލެއް ކަމަށެވެ.

”ސިއްހީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޭނުން ނުހަނު ބޮޑު. މި ދާއިރާއަށް ގެނެވޭ ކުރިއެރުމާއި، މި ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބަރޯސާވެފައިވަނީ އިންސާނީ ވަސީލަތްތަކާ. ސިއްހީ ދާއިރާގެ ބޭފުޅުންނަށް މިހާތަނަށް ދެމުން އައީ، އެބޭފުޅުން އެ އުފުއްލަވާ ބުރަޔާ އެކަށޭނަ މުސާރައެއް ނޫން،” ރައީސް ވިދާޅުވިއެވެ.

ރައީސަށް ޝުކުރު އަދާކުރައްވާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ސިއްހީ ދާއިރާގެ ހިދުމަތްތެރިންގެ އުޖޫރައަށް ގެނެސް ދެއްވި ހެޔޮ ބަދަލާއި ކުރިމަގު ތަނަވަސް ކޮށްދެއްވިކަމަށްޓަކައި އެ ހިދުމަތްތެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

https://twitter.com/KerafaNaseem/status/1652549569748799488?s=20

ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރިއިރު ރައީސް ސޯލިހު ވަނީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ސިއްހީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުންކަން ފާހަގަކުރައްވާފައެވެ.

ހާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުމާއި ތަމްރީން ލިބިފައިވާ ދިވެހިން މިދާއިރާތަކަށް ލިބުން ދަތިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާގެ މުސާރަތަކަށް އައި ބަދަލު:
1- ސީނިއަރ ރެޖިސްޓަރޑް ނަރުހުން: 29،271 ރުފިޔާ

2- ސްޕެޝަލިސްޓް ނަރުހުން: 41،976 ރުފިޔާ (އިތުރުގަޑި ނުހިމަނާ)

3- ސީނިއާ – މެޑިކަލް އޮފިސަރު: 41،541 (އިތުރުގަޑި ނުހިމަނާ)

4- ސަބްސްޕެޝަލިސްޓް ކޮންސަލްޓަންޓުން: 98،137 ރުފިޔާ (އިތުރުގަޑި ނުހިމަނާ)
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސްހެޔޮ ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.