މާދަމާ އިން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން އިއުލާން ކުރެއްވުމުގެ ގޮތުން މިއަދު ހެނދުނު ގައުމާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެކަން އިއުލާން ކުރަން ލިބިވަޑައިގަތުމަކީ ލިބިގެން ދިޔަ އުފަލެއް ކަމަށެވެ.

”ސިއްހީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޭނުން ނުހަނު ބޮޑު. މި ދާއިރާއަށް ގެނެވޭ ކުރިއެރުމާއި، މި ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބަރޯސާވެފައިވަނީ އިންސާނީ ވަސީލަތްތަކާ. ސިއްހީ ދާއިރާގެ ބޭފުޅުންނަށް މިހާތަނަށް ދެމުން އައީ، އެބޭފުޅުން އެ އުފުއްލަވާ ބުރަޔާ އެކަށޭނަ މުސާރައެއް ނޫން،” ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ސިއްހީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އެ ދާއިރާއަށް ޝައުގުވެރިވާ ދިވެހިން މަދުވުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުންނާއި އެލައިޑް ހެލްތް ޕްރޮފެޝަނަލުން އަދި މެންޓަލް ހެލްތް ޕްރޮފެޝަނަލުން ލިބުމާއި ތަމްރީން ލިބިފައިވާ ދިވެހިން މިދާއިރާތަކަށް ލިބުން ދަތިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުގެ އުއްމީދަކީ ސިއްހީ ދާއިރާގެ މުސާރައަށް މިގެނެވޭ ހެޔޮބަދަލާއެކު، މިދާއިރާއަށް ޝައުޤުވެރިވާ ދިވެހިންގެ އަދަދު އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުން،” ރައީސް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ މުސާރަތަކަށް އައި ބަދަލު:
1- ސީނިއަރ ރެޖިސްޓަރޑް ނަރުހުން: 29،271 ރުފިޔާ

2- ސްޕެޝަލިސްޓް ނަރުހުން: 41،976 ރުފިޔާ (އިތުރުގަޑި ނުހިމަނާ)

3- ސީނިއާ - މެޑިކަލް އޮފިސަރު: 41،541 (އިތުރުގަޑި ނުހިމަނާ)

4- ސަބްސްޕެޝަލިސްޓް ކޮންސަލްޓަންޓުން: 98،137 ރުފިޔާ (އިތުރުގަޑި ނުހިމަނާ)
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސްހެޔޮ ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުންއައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ. މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެއެވެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެކެވެ.
ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.