ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މައްސަލަ ނިންމުމާއެކު ރާއްޖޭގެ ދެކުނު ގައި ހިދުމަތް ދެވޭނެ ސަރަހައްދު ދެނެގަނެވިއްޖެ ކަމަށް ކޯސްޓްގާޑްގެ ކޮމަޑަންޓް ކާނަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

އިޓްލޮސް އިން ރާއްޖެއާ އެއްކޮޅަށް ނިންމާފައިވާ މައްސަލައާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ގައުމީ ދިފާއި ބާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ރޭ ވާހަކަ ދެއްކިއެވެ.

އެ ޕްރޮގްރާމްގައި ހިލްމީ ވިދާޅުވީ 1981 ވަނަ އަހަރު ކޯސްޓުގާޑުގެ ހިދުމަތް ފެށިގެން މިއަދާ ހަމަޔަށް އައިއިރު އެންމެ ބޮޑަށް އެއް ގޮންޖެހުމަކަށްވީ ރާއްޖޭގެ ދެކުނުން އިން ވަކި ކުރެވިފައި ނެތުން ކަމަށެވެ.

"ރާއްޖޭގެ އުތުރުން އިންޑިއާއާ ރާއްޖެއާ ދެމެދު، އަދި ސްރީލަންކާއާ ރާއްޖެއާ ދެމެދު މި ފުށުއަރާ ސަރަހައްދު އެއްބަސްވާ އެއްބަސްވުމުގެ ތެރެއިން ބަހަލެވުމާ އެކީގައި ރާއްޖޭގެ އުތުރުން އެނގޭ އިމަކީ ކޮބައިކަން. ހުޅަނގު ބިތުން އަދި އިރުމަތީ ބިތުންވެސް އިނގޭ 200 މޭލު ނިމޭ ހިސާބު. އެހެން ނަމަވެސް އަޅުގަނޑުމެންނަށ،ް އަޅުގަނޑުމެންގެ ދެކުނުން އިމެއް ވަކި ކުރެވިފައެއް ނެތް އޭރުވެސް" ހިލްމީ ވިދާޅުވިއެވެ.

އެކަމަކު ޗާގޯސް އައިލެންޑުގެ ކަނޑުގެ ސަރަހައްދުން ބައެއް ލިބިގެން ދިޔުމުން އެ އިން މިހާރު ކުރެވިގެން ދިޔުމާއި އެކު އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ހިލްމީ އެހެން ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވަނީސް ޓްވީޓާގައި، އެމްއެންޑީއެފަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އޭގެ ތެރެއިން މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ރާއްޖޭގެ ދިފާއިބާރުގެ ވެރިންނަށް ގާނޫނޫ އަސާސީ އާއި ގާނޫނުތައް ބަލަހައްޓަން ޖެހޭ ސަރަހައްދު ނޭންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ގާނޫނީ ޒިންމާ ނޭނގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

ގައުމީ ދިފާއި ބާރުން ބުނީ އަލަށް ކަނޑައެޅިގެން މިދޔަ ސަރަހައްދާ އެކު އެ އިދާރާގެ ގާބީލްކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ޗާގޯސް މައްސަލައާ ގުޅޭ ގޮތުން ހަގީގާތާ ހިލާފު މައުލޫމާތު ނުފަތުރުމަށް ޗީފް އިފް ޑީފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އެ ޕްރޮގްރާމްގައި އިލްތިމާސްކޮށްފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކަ ދެއްކުމަކީ ދިފާއި ބާރުން ގަބޫލެއް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލާ ކަމެއް ކަމަށެވެ.