މަދުން ނަމަވެސް ބައެއް ފުލުހުންގެ ފަރާތުން އާއްމުންނަށް އަނިޔާއާ ކުރިމަތިލާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ 90ވަނަ އަހަރީ ދުވަހާއި ގުޅިގެން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ބައެއް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އަނިޔާ ލިބެމުން އަންނަ ކަމަށެވެ. އަދި އާއްމުންނަށް ބައެއް ހާލަތްތަކުގައި ފުލުހުންގެ ފަރާތުން ގެއްލުންވެސް ވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ބައެއް ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތެރި ވަގުތުތަކުގައި އިންސާފު ލިބިދެވޭ ގޮތަށް، ރަނގަޅަށް މަސައްކަތް ނުކުރުމަކީ ބައެއް ފަހަރުތަކުގައި ހިނގާ ކަމެއް ކަމަށެވެ.

"މިއީ ފުލުހުން ވަރަށް ރައްކާތެރިވާން ޖެހޭ ކަމެއް. ފަހަރެއްގައި ކުށްކުރާ ހުރިހާ މީހުން ހޯދާ އިންސާފު ގާއިމު ނުކުރެވުނު ނަމަވެސް، ފުލުހެއްގެ ކިބައިން... ފުލުހެއްގެ ކިބައިން ރައްޔިތަކަށް އެއްވެސް އަނިޔާއެއް ވުމަކީ އެއީ އެއްވެސް ހައިސިއްޔަތަކުން ބަލައިގަނެވޭނެ ކަމެއް ނޫން. އާދެ! މިކަން މާތްވެގެންވާ އިސްލާމްދީނުގައި މާ ވަރުގަދަކޮށް އޮތީ،" އިމްރާން ވިދާޅުވިއެވެ.

މިއާއެކު މިނިސްޓަރު އިމްރާން ވަނީ ކީރިތި މާތް ނަބިއްޔާ މުހައްމަދު ސއވގެ ހަދީޘް ބަސްފުޅެއް ވިދާޅުވެދެއްވަވާފައެވެ. އެ ހަދީޘްގައި ވަނީ "އަނިޔާ ލިބޭ މީހާގެ ދުއާ އާއި ދޭތެރޭގައި ރައްކާތެރިވެ ބިރުވެތިވާށެ. މާތް ރަސްކަލާނގެއާ އޭނާއާ [އަނިޔާ ލިބޭ މީހާ] ދޭތެރޭ އެއްވެސް ހުރަހެއް ނުވެއޭ. އަދި އެ ދުއާ، ވިލާތަކުގެ މަތީން މާތް ރަސްކަލާނގެ އަށް ރައްދުވެއޭ. އެއާއެކު މާތް ރަސްކަލާނގެ ވަހީ ކުރައްވައޭ. ތިމަންރަސްކަލާނގެ އިއްޒަތްތެރިކަމާއި ގަދަފަދަވަންތަކަން ގަންދެއްވާ ވަހީ ކުރައްވަމޭ ހިނދުކޮޅެއް ފަހުންވިއަސް ތިބާ އަށް ނަސްރު ދެއްވާ ހުށީމޭ،" މިހެންނެވެ.

އެ ހަދީޘްގެ އިތުރުންވެސް މިނިސްޓަރު އިމްރާން ވަނީ އިތުރު ހަދީޘްއެއް ވިދާޅުވެދެއްވަވާފައެވެ. އެ ހަދީޘްގައި ވަނީ "ކާފިރަކަށްވިއަސް އަނިޔާ ލިބޭ މީހާގެ ދުއާ މާތް ރަސްކަލާނގެ އިޖާބަ ކުރައްވައޭ،" މިހެންނެވެ.

އެހެންކަމުން މިނިސްޓަރު އިމްރާން ވަނީ ރައްޔިތަކަށް އަނިޔާވެގެން ދާއިރު އެ ރައްޔިތަކަށް ފުލުހެއްގެ ފަރާތުން އިތުރަށް އަނިޔާ ލިބިގެން ނުވާނެ ކަމަށެވެ. އަދި ފުލުހުން އެމީހުންގެ ޒިންމާ ފުރިހަމަ އަށް އަދާކުރަން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަދު ފުލުހެއްގެ ފަރާތުން އެފަދަ ކަންކަން ފެނުނު ނަމަވެސް މެޖޯރިޓީ ފުލުހުން އެމީހުންގެ ޒިންމާ އަދާކުރަނީ ވަރަށް ފުރިހަމައަށް ކަމަށް އިމްރާން ވިދާޅުވިއެވެ.

ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި ފުލުހުންގެ އިސްވެރިންނާއި އަދި އެމަނިކުފާނު ވެސް އެންމެ ބޮޑަށް ކަށަވަރު ކުރާ އެއް ކަމަކީ ރައްޔިތަކަށް ފުލުހެއްގެ ފަރާތުން އަނިޔާ ލިބިގެން ނުދިއުން ކަމަށް ވިދާޅުވިއެވެ.