އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާ އަކީ ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ހިލާފު އުފެދިފައިވާ އިމުގެ މައްސަލައާ ގުޅިގެން ބޭއްވި ޖަލްސާއެކެވެ. "ޗަ ގޯސް" ނަމުގައި އެ ޖަލްސާ ބޭއްވުމުގެ ކުރިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، މައްސަލަ ނިންމައިފައެވެ. އިދިކޮޅުން އެ މައްސަލާގައި ސަރުކާރަށް ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ހުރިހާ ތުހުމަތުތަކެއް ވެސް ދޮގުކޮށްފައެވެ.

ރޭގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ސަރުކާރަށް ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތުގެ ސަބަބުން ދިވެހި ރައްޔިތުން ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމަށެވެ.

"ލޮބުވެތި ރައްޔިތުން. އަޅުގަނޑުމެން މިއަދު އެބަޖެހޭ ފިލާވަޅުތަކެއް ނަގަން. މިއަދު މިއޮތީ ބޮޑު ބަޔާއި ކުޑަ ބައި އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި. މީގެކުރިން އަޅުގަނޑުމެންނަށް ނަގައިދީފި ފިލާވަޅުތަކެއް އާދެ އެއީ މަލިކުގެ ފިލާވަޅު. އޭގެއިން ކުޑަބައި ވެސް ބޮޑުބައި ވެސް ގެއްލުނީ. ދެން ކުރިޔަށް އޮތީ އެހެން ފިލާވަޅެއް. އެއީ އައްޑޫ ސިޓީގައި މި ގާއިމުވި އިންޑިއާގެ އަސްކަރީ ބޭސް. ޒަމާންތަކެއް ފަހުން ނިމިގެން ދާނީ ބޮޑުބައި ރާއްޖެ އަށް ކުޑަބައި އިންޑިއާ އަށް. އޭގެ ޒަމާންތަކެއް ފަހުން އަންނާނީ އުތުރު ތިލަފަޅުގެ ވާހަކަ. އެ ފިލާވަޅު ނިމިގެން ދާނީ ބޮޑުބައި ރާއްޖެ އަށް ކުޑަބައި އިންޑިއާ އަށް. ހަމަ އެގޮތަށް ހަނިމާދޫ ވެސް ވެގެން ދާނީ އެގޮތަށް. އެ ފިލާވަޅު މިއަދު އަޅުގަނޑުމެން ނަގަމުން މިދަނީ،" ޝުޖާއު ވިދާޅުވިއެވެ.

ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން ނަގާލާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން ޝުޖާއު ވިދާޅުވީ އެފަދަ ކޮންމެ ފަހަރަކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާތަކެއް ކުރުމަށްފަހު ޖަލަށް ހުކުމް ކުރާ ކަމަށެވެ.

"ރާއްޖޭގެ ކަންކޮޅުތަކުގައި ބޭރުގެ އަސްކަރިއްޔާ ގާއިމު ކުރުމަށް ހިންގި ވަގު އޮޕަރޭޝަން ކުރުމަށްޓަކައި ވެސް އެންމެ ފުރަތަމަވެސް މި ސަރުކާރުން ކުރި ކަމަކީ ވެސް ރައީސް ޔާމީން ނަގާ ހައްޔަރުކޮށް ޖަލުގެ ގޮޅީގައި ބޭއްވީ. އެމަނިކުފާނަށް ލިބުނު ހަނި ފުރުސަތުގެ ތެރޭގައި ނިކުމެ [ޖަލު ހުކުމުން މިނިވަންވެ] އެންމެ ފުރަތަމަވެސް ދައްކަން ފެށީ މި ޗާގޯސް އެބައުޅެއޭ ވިއްކާލަން ރައްޔިތުންނޭ ބޮޑެތި ވަގުންތަކެކޭ މިއީ. ދައްކާ އެމަނިކުފާނުގެ އަޑުގަދަވީމާ އަނެއްކާވެސް ހަރާމް ހުކުމެއް ޖަހާލީ ޖަލަށް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ ވާހަކަފުޅުގައި ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުލި 5،300 ރުފިޔާ އަށް ކުޑަ ކުރުމަށް ނިންމި މައްސަލާގައި ވެސް ސަރުކާރަށް ވަނީ ފާޑު ވިދާޅުވެފައެވެ. އަދި އެއީ ސަރުކާރުން ކުރި ކަމެއް ނޫން ކަމަށާއި ދިވެހި ރައްޔިތުން ކުރި އިހުތިޖާޖުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ.