ރާއްޖެ އާއި މޮރީޝަސްއާ ދެމެދު ފުށުއަރާ އިމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ނިންމިއިރު ދިވެހިންނަށް ޗާގޯސް ގެއްލިއްޖެ ކަމަށާއި އެތަން އަނބުރާ ދެން ހޯދައި ދެވޭނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނަށް ކަމަށް ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ލީޑު ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
"ޗަ ގޯސް" ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ މިރޭ ވިދާޅުވީ މިއަދު ރާއްޖެ އަށް ބޭނުންވަނީ މި ސަރުކާރުން ހިންގަމުން އަންނަ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ތަހުގީގުކޮށް އެކަން ކުރުމުގެ ކެރުންތެރިކަމާއި ހިތްވަރު ހުންނެވި ވެރިއެއް ކަމަށެވެ. އަދި އެފަދަ ވެރިއަކީ ގައުމަށް އިހުލާސްތެރި ވަފާތެރި ވެރިޔަކަށް ވާންޖެހޭނެ ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނުގައި އަތްފުޅާ އެޅިއަސް ގޮސް ހުއްޓެނީ އެންމެ ނަމަކާއި ދިމާލުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެ ނަމަކީ ކޮބައިތޯ. ރައީސް ޔާމީން. އަޅުގަނޑުމެން ކަށިން ހިތްވަރު ނެރެންވީ ރައީސް ޔާމީން މިނިވަން ކުރަން. އަޅުގަނޑުމެން ކަށިން ހިތްވަރު ނެރެގެން އެމަނިކުފާނު މިނިވަން ކުރަންވީ އެމަނިކުފާނު ގެނެސް ވެރިކަމަށް އިންތިހާބު ކުރަންވީ. ދިވެހި ގައުމަކަށް އެ ނޫން އެއްވެސް ޗޮއިސެއް ނެތް،" އަދުރޭ ވިދާޅުވިއެވެ.
"ބޮޑުތަކުރުފާނު ދިވެހިންނަށް އަނބުރާ ހޯދައިދެއްވި ދިވެހިރާއްޖެ، ދޮންބަންޑާރައިގެން ގުރުބާނީން އަޅުގަނޑުމެންނަށް ވާރުތަ ކޮށްދިން މި ފަހުރުވެރި ދިވެހި ގައުމު، ހުސައިން އާދަމްގެ ލޭ ދިވެހި ބިމަށް އޮހާރާލައިގެން އަޅުގަނޑުމެންނަށް ގާއިމްކޮށްދިން އަމާންކަން އަލުން އަނބުރާ ދިވެހި ގައުމަށް ގެނެސް މި ގައުމުގެ މިލްކުވެރިކަން ފުރިހަމަ ގޮތުގައި ދިވެހިންނަށް ހޯދައި ދެއްވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން،" އަދުރޭ ވިދާޅުވިއެވެ.
ރައްޔިތުން މާޔޫސް ނުވުމަށް ވިދާޅުވަމުން އަދުރޭ ވަނީ ރައީސް ޔާމީނާއެކު ޕީޕީއެމް/ޕީއެންސީ އިން ދިވެހިރާއްޖޭގެ ވެރިކަމަށް އަންނާނެ ކަމަށެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ޖީއެމްއާރަށް ވިއްކާލި އެއާޕޯޓު ރައީސް ޔާމީން އިސްވެ ހުންނަވާ ދިވެހިންނަށް ހޯއްދަވައި ދެއްވި ގޮތަށް އިރާދަކުރެއްވިއްޔާ ދިވެހި މަސްކަނޑުން ގެއްލިގެން ދިޔަ ބައި ރައީސް ޔާމީން އަލުން އަނބުރާ ދިވެހި ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ. އެ މަސައްކަތް ކޮށްދެއްވާނެ ފަސްޖެހި ވަޑައެއް ނުގަންނަވާނެ އެ ހިތްވަރު ހުންނަވާނެ އެ ކެރުންތެރިކަން ހުންނަވާނެ،" އަދުރޭ ވިދާޅުވިއެވެ.
ދިވެހި ގައުމުގެ އަދުގެ ޖީލު ގޮވަމުން ދަނީ ރައީސް ޔާމީނަށް ކަމަށާއި އެކުދިންގެ މުސްތަގުބަލު އުޖާލާކޮށްދިނުމަށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް އެކުދިން ގޮވަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ޒުވާނުންގެ އުއްމީދާއި ގައުމުގެ މިނިވަންކަމާއި އަމާންކަން ވެސް ގުޅިފައި ވަނީ ވެސް ރައީސް ޔާމީނާ ކަމަށް އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަމަވެސް ހިތާމައަކީ މިފަދަ ދުވަހެއްގައި ރައީސް ޔާމީން ނެތުން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.