މަގާމުތަކުގައި ތިއްބެވިއިރު ޗާގޯސް އަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި ވަކާލާތު ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެކަން ނުކުރައްވާ، މިއަދު އެ ވާހަކަ ދައްކަވާތީ ފޮރިން މިނިސްޓަރު ޝާހިދު ފާޑު ވިދާޅުވެއްޖެއެވެ.
ޗާގޮސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމުމާއި ގުޅިގެން ކެބިނެޓު މިނިސްޓަރުންނާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ވަކާލާތު ކުރުމަށް އެތައް ފުރުސަތުތަކެއް ލިބިގެން ދިޔަ ކަމަށެވެ.
ނަމަވެސް މަގާމުތަކުގައި ތިއްބަވައިގެން އެ މަސައްކަތް އެގޮތަށް ނުކުރައްވާ މިއަދު އެ ވާހަކަ ދައްކަވާތީ ޝާހިދު ވަނީ އެބޭފުޅުންނަށް ފާޑު ވިދާޅުވެފައެވެ. އަދި ސުވާލުތަކެއް ކުރިމަތި ކުރުއްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ޗާގޯސްއާ ގުޅޭ ގޮތުން ހިނގާދިޔަ މަޝްވަރާތަކާއި އދ. ގައި ނެގިގެން ދިޔަ ވޯޓުތަކާއި ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކަވައިފައެވެ. އަދި ވިދާޅުވީ ޗާގޯސް މައްސަލާގައި ސުލްހަވެރި ހައްލެއް ހޯދުމަށް މޮރީޝަސްއާއެކު ވާހަކަދައްކަވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި އެގައުމުގެ ފޮރިން ސެކްޜެޓަރީ ވިދާޅުވެފައިވާ ކަމަށެވެ. އެ ވާހަކައިގައި ރާއްޖެއާއެކު މަޝްވަރާ ކުރާ ކަމުގެ ވާހަކަތަކެއް ނުދައްކަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާއި ވާހަކަ ނުދައްކަނީ އަޅުގަނޑުމެންގެ ދައުލަތަކުންނެއް ނެތޭ އެއްވެސް އިރެއްގައި ޗާގޯސް އަކީ އަޅުގަނޑުމެންގެ ތަނެކޭ ބުނެފައެއް. އެއްވެސް ތަނެއްގައި އަޑު އުފުލާފައެއް. މިހާރު ތިޔަ ވާހަކަފުޅު ދައްކަވާ ވެރިން ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ކަމަށްވިއަސް ބަންޑާރަ ނާއިބުކަން ކުރައްވާފައިވާ ބޭފުޅުން ކަމަށްވިއަސް އެހުރިހާ ބޭފުޅުންނަށް ވެސް އެ ފުރުސަތު ލިބިވަޑައިގަތޭ... ދިވެހިންގެ ހައްގުގައި ނިކުމެވަޑައިގެން މޭގައި ހަމަ މިހެން އަތްޖައްސަވާފައި ވިދާޅުވާން މިއީ ތިމަންނަމެގެން ތަނެކޭ. ނުކުރައްވައޭ އެކަމެއް އޭރަކު. މިއަދު ކީއްވެގެންތޯ. ކުއްލިއަކަށްތޯ ޗާގޯސް މި އުފަންވީ، ކުއްލިއަކަށްތޯ ދިވެހިންގެ ތެރޭގައި ދިވެހި ލޭ މި ހިނގައި ގަތީ. އެ މަގާމުތަކުގައި ތިއްބެވިއިރު އެކަން ކުރައްވަންވީ ނޫންތޯ. ނުކުރައްވައޭ އެކަމެއް،" އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ސިފަ ކުރެއްވި ގޮތުގައި އިޓްލޮސް އިން ނިންމި އެ ނިންމުމަކީ މުޅި ރާއްޖެ އަށް ވެސް އަދި ވަކިން ހާއްސަކޮށް ރައީސް ސޯލިހުގެ ރިޔާސަތުގައި އެމަނިކުފާނުގެ ސަރުކާރަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކާމީޔާބީއެވެ. ނަމަވެސް އެކި ސަރުކާރުތަކުން ވެސް ދެކުނުގެ ސަރަހައްދީ އިން ވަކި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ޝާހިދު ފާހަގަކުރެއްވިއެވެ. ޝާހިދު ވިދާޅުވީ އިން ވަކި ނުކޮށް އޮތުމުގެ ސަބަބުން ބޭރުގެ އެކި ފަރާތްތަކުން ރާއްޖޭގެ ކަނޑުންވެސް ނުހައްގި ފައިދާތަކެއް ނަގާފައިވާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ދިވެހިންރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ހިނގައްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.