ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދުން ރާއްޖެ އަށް އިތުރު ބައެއް ލިބޭ ގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން މައްސަލަ ނިންމުމާއެކު ރާއްޖެއަށް ލިބުނު ސަރަހައްދުގައި މައުދަން ހުރިތޯ ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޗާގޯސް އައިލެންޑްގެ ކަނޑުގެ ސަރަހައްދުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ފުށުއަރައެވެ. އެހެންކަމުން އެ މައްސަލަ އިޓްލޮސް އަށް ހުށަހަޅާފައި ވަނީ މޮރިޝަސް އިންނެވެ. އިޓްލޮސްގައި ވެސް އެންމެ ބޮޑަށް ދެގައުމުގެ މެދުގައި ހިޔާލު ތަފާތުވެގެން ދިޔައީ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރަން ފަށާ ހިސާބެވެ.
އިޓްލޮސް އިން މިއަދު ނިންމި މައްސަލާގައި ވަނީ ރާއްޖޭގެ ހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ. އަދި ބްލެންހަމް ރީފް އަކޯ ބޭސް ޕޮއިންޓު ނޫން ކަމަށް އޮޓްލޮސް އިން ނިންމިއެވެ.
އެގޮތަށް ނިންމުމުން ރާއްޖެ އަށް 47،232 އަކަކިލޯމީޓަރު ލިބެއެވެ. މޮރީޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ.
އެކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ މިދިޔަ އަހަރުގެ ކުރިން ޗާގޯސް އަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް ދިވެހި ރައްޔިތަކު ނުވަތަ ސިޔާސީ އެއްވެސް ބޭފުޅަކު ވިދާޅުވެފައިނުވާ ކަމަށެވެ.
" ޗާގޯސްއަކީ ކުއްލިއަކަށް ރާއްޖޭގެ ތަނެއް ކަމަށް ބުނަން ފެށީ. އޭރު ހިތަށް އެރީ ފެނާއި ނަރުދަމާ ޗާގޮސްގައި އެޅުމުގެ މައްސަލައެއް ނާއަންނާނެ ބާވައޭ މަޖިލީހުގެ ތެރެއިން،" މިދިޔަ އަހަރު ބަޖެޓް ތައްޔާރުކުރުމުގެ ދުވަސްވަރު ޗާގޮސްގެ ވާހަކަ ތިލަވުމަށް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ރާއްޖެއަށް އަލަށް ލިބުނު 200 މޭލުގެ ސަރަހައްދުގައި އިގްތިސާދު ކުރިއެރުވުން ކުރެވެން ހުރި ކަންކަން ބަލާނެ ކަމަށެވެ.
"އެތަނުގައި އިގްތިސާދީ ގޮތުން ކުރެވެން ހުރިކަންކަން ބަލާނަން. އެތާގައި މައުދަން ހުރިތޯ އެކަންވެސް ބަލާނަން. އަދި ކިރިޔާ މި ލިބުނީ މަސައްކަތެއް ކުރަން،" ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖެއަށް ލިބުނު ކާމިޔާބީއާ ގުޅޭ ގޮތުން ގައި ރައީސް ސޯލިހު ވިދާޅުވީ ނިންމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އެ ނިންމުމާ ގުޅިގެން ރާއްޖެއިން ސަރަހައްދެއް އުނިވެގެން ނުދާނެ ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ 1976 ވަނަ އަހަރު ރާއްޖޭގެ އުތުރުގެ ބައުންޑްރީ ކަނޑައެޅިފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ރާއްޖޭގެ ދެކުނުގެ ބައުންޑްރީ ކަނޑައެޅިފައި ނުވާ ކަމަށެވެ. އާބިޓްރޭޝަންގެ މިއަދުގެ ނިންމުމާ ގުޅިގެން، ރާއްޖޭގެ އިން ކަނޑައެޅިގެން ގޮސްފައި އެ ވަނީ ބައިނަލް އަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މިހާރު ރާއްޖެއަކީ އިން ވަކިކުރެވިފައިވާ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ނިންމުމަކީ ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.